ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިޞިއްޔަތުން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު އެންގޯލާއަށް ރޭ ފުރާވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާކަމުގައި ރައީސް އޮފީހުން ބުނެއެވެ.
އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ މި ސަމިޓަކީ " ތިން ބައްރުގެ، ތިން ކަނޑުގެ، އެއް މަންޒިލަށް: އޯ.އޭ.ސީ.ޕީ.އެސް މިހާރަށްވުރެ ދެމެހެއްޓެނިވި، އަދި ވިލުންވެރިކަމާއި ދިމާއަށް" މި ޝިއާރުގެ ދަށުން ބާއްވާ ސަމިޓެކެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި މިސަމިޓުގައި ބައިވެރިވާ ޤައުމުތަކުގެ އިސްވެރިން އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެންބަރަކަން ވުމަށް ރާއްޖޭން ހުށަހަޅާފައިވާ ހުށައެޅުން ޤަބޫލު ކުރައްވައި، އެޖަމުޢިއްޔާގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ދެއްވާނެ ކަމަށް ބެލެވެއެވެ. މިއަހަރުގެ ޖޫންމަހުގެ ތެރޭގައި އެޖަމުޢިއްޔާގެ އޮބްޒާވަރެއްގެ ހައިޞިއްޔަތު ރާއްޖެއަށް ލިބިފައިވެއެވެ. ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 27އިން 28އަށް ބޭއްވި އެޖަމުޢިއްޔާގެ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި އެޖަމުޢިއްޔާގެ ހުރިހާ މެމްބަރު ޤައުމުތަކުން ވަނީ، އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުށައެޅުމަށް ތާޢިދުކުރައްވާކަން ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް