ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާދަޔާ ހިލާފު ކަންކަން ކުރާ ކޮންމެ މީހަކަށް އެ ޝަރަފުދެ އެވެ.
އެ ފޮތުން ޖާގަ ދެނީ ވަރަށް ގިނަ ކަންކަން ބެލުމަށް ފަހު އެވެ. ދުނިޔޭގައި ހަމަ އެމީހަކު ތަފާތު ކަމުންނެވެ.
މިފަހަރު މި ފާހަގަކޮށްލަނީ އެފަދަ ތަފާތު މީހެއްގެ އަތުގައި އޮތް، އެމީހާގެ ފަހުން އެއްވެސް މީހަކަށް މުގުރާލެވިފައި ނުވާ ރެކޯޑެއްގެ ވާހަކަ އެވެ.
އިންޑިއާގެ ޓަމިލްނާޑޫގެ މަދޫރާއީއަށް ނިސްބަތްވާ އެންތޮނީ ވިކްޓާ އަތުގައި އޮތީ ދުނިޔޭގެ އެންމެ ކަންފަތު އިސްތަށި ދިގު މީހާގެ ރެކޯޑެވެ. އެންތޮނީ ފުރަތަމަ މި ރެކޯޑު ހޯދީ 2007 ވަނަ އަހަރު އެވެ.
ގިނިސްބުކް އޮފް ވޯލްޑް ރެކޯޑުން އެންމެ ފަހުން މިދިޔަ ހަފްތާގައި އަނެއްކާވެސް އޭނާގެ ކަންފަތު އިސްތަށީގެ ދިގުން ވަނީ ބަލާފައި އެވެ. މިހާރު އޭނާގެ ކަންފަތު އިސްތަށިތަކުެގ ދިގު މިނުގައި 7.12 އިންޗި އެބަހުއްޓެވެ.
މަދޫރާއީ ސްކޫލެއްގެ ހެޑްމާސްޓަރެއްގެ ވަޒީފާ އަދާ ކުރާ އެންތޮނީއަތުގައި މި ރެކޯޑު އޮންނަތާ އެތައް އަހަރެއްވެފައިވާއިރު މި ރެކޯޑު މުގުރާލަން އެއްވެސް މީހަކު މަސައްކަތެއް ނުކުރެ އެވެ. މިހާރު އޭނާގެ އާންމު ނަމަކީ "އިއާ ހެއާޑް ޓީޗާ" އެވެ.
އާންމުކޮށް ކުރިން މީހުން ހަދާފައި ހުންނަ ރެކޯޑުތައް މުގުރާލަން ދުނިޔޭގެ އެކި ކަންކޮޅުތަކުން މަސައްކަތް ކުރެ އެވެ. އެކަމަކު އެ ރެކޯޑު މުގުރާލަން އެއްވެސް މީހަކު މަސައްކަތް ކުރާކަން ގިނިސްބުކް އޮފް ވޯލްޑް ރެކޯޑުން ހާމަކޮށްފައިއެއް ނުވެ އެވެ.
އޭގެ ބަދަލުގައި އޭނާ ރެކޯޑު ދަމަހައްޓާފައިވާކަން ހާމަ ކުރުމުން ގިނަ ބަޔަކު ދަނީ ޖޯކު ޖަހަމުންނެވެ. އެގޮތުން ކަންފަތު އިސްތަށި ދިގު ކުރާނީ ކާކުތޯ އަހާފައިވެ އެވެ. އަދި އެއީ މުޑުދާރު ފަރުކުރު ކަމެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.
އެހެން މީހުން ވަނީ ރެކޯޑު ހެދުމުގެ އެހާ ބޮޑު ޝައުގު ހުންނަ ނަމަ ތަފާތު ދާއިރާއަކުން ހެދި ނަމަ ރަނގަޅުވީސް ކަމަށް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް