ބަޖެޓުގައި އެންމެ އިސްކަމެއްދޭނީ ރައީސްގެ ވައުދުތައް ފުއްދުމަށް: މާލީ ވުޒާާރާ

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެންމެ އިސްކަމެއްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށްކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ. ޕީއެސްއެމް ނިއުސްގެ ...

08 Nov 2024 | 06:19

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެންމެ އިސްކަމެއްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށްކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މާލީ ވަޒީރުގެ ނައިބު އަޙްމަދު ސާޢިދު މުސްޠަފާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ވަރަށް ގިނަ ވަޢުދުތަކާއެކުކަމަށާއި ޚާއްޞަކޮށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ފާހަގަކުރެއްވިއެވެ.

މާލީ ވަޒީރުގެ ނައިބު އަޙްމަދު ސާޢިދު މުސްޠަފާ ވިދާޅުވީ ޚާއްޞަކޮށް ޢުމްރާނީ ގިނަ މަޝްރޫޢުތަކެއް ފެށޭތަން އަންނަ އަހަރު ފެންނާނެކަމަށާއި ބަޖެޓު އެކުލަވާލިއިރު އެންމެ ބޮޑަށް ސަމާލުކަން ދިންކަމަކީ އެއީކަމަށެވެ.

ސާއިދު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ މިސަރުކާރުން އެކުލަވާލި ފުރަތަމަ ބަޖެޓުކަމަށްވުމާއެކު ބަޖެޓު ތައްޔާރުކުރިއިރުވެސް އެންމެ ބޮޑު ފޯކަސްއެއް ހުރީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތަކަށްކަމަށެވެ. އަދި ހިނގަމުންދާ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ ހިމަނާފައިހުރީ ޤައުމުގެ މާލިއްޔަތަށް ގެއްލުންވާގޮތަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހިނގަމުން މިދާ އަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީ ޕައިޕްލައިނަކީ ޤައުމުގެ އިޤްތިޞާދަށް ޤައުމުގެ މާލިއްޔާއާ، ދައުލަތަށް ލިބޭ އާމްދަނީއާ އަދި ހޯދޭނެ ފައިނޭންސިންއާ ނުބައްދަލު ބޮޑު ޕީއެސްއައިޕީ ޕައިޕްލައިނެއް. އެހެންވީމަ މި ޕައިޕްލައިން މިގޮތަށް ގެންފދައިގެން ނިންމައިފިނަމަ އޭގެ ސަބަބުން މުޅި އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ." އަޙްމަދު ސާޢިދު މުސްޠަފާ ވިދާޅުވިއެވެ.

ސާޢިދު ވިދާޅުވީ މިއަހަރަށް ކަނޑައަޅާފައިވާ ބައެއް މަޝްރޫޢުތައް ހުރީ އެވޯޑުކޮށް ކޮންޓްރެކްޓްކުރެވި އެޑްވާންސް ފައިސާދީ އިތުރަށް އެއްވެސް ކަމެއް ނުހިނގާނެފަދަ ގޮތަށްކަމަށާއި އެހެންކަމުން މިސަރުކާރުން މިއަހަރަށް ރޭވި ކަންކަމުގެ ތެރެއިން އެންމެ މުހިންމު އެއްކަންތައް މިހާރު ކުރެވިފައިވާކަމަށް މާލީ ވަޒީރުގެ ނައިބު ވިދާޅުވިއެވެ. އަދި އެއީ ވާރުތަވި ޕީއެސްއައިޕީ ރަނގަޅަށް ރާވާލައި ތަރުތީބުކޮށް، އެންމެ އަވަހަށް ނިންމާލެވޭނެ މަޝްރޫޢުތައް ހޯދުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލީ ވަޒީރުގެ ނައިބު ސާޢިދު ވިދާޅުވީ އެކަންކަން ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ބަޖެޓު އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެކުލަވާލާފައިވާނެކަމަށާއި ޚާއްޞަކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުއާއި، ތިލަމާލެ ބްރިޖުގެ މަޝްރޫޢު ވިހާވެސް އަވަހަށް ނިންމުމަށް އަހަމިއްޔަތުކަން ދީފައިވާކަން ސާޢިދު ފާހަގަކުރެއްވިއެވެ. އެ މަޝްރޫޢުއަށް ސަޕްލިމަންޓްރީ ބަޖެޓުގައިވެސް އިސްކަން ދީފައިވާކަމުގައި ސާޢިދު ވިދާޅުވިއެވެ.

ސާއިދު ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ މިންވަރު ފެނަންކަމަށްވެސް ވިދާޅުވެފައެވެ. ސަރުކާރުން މި ބަޖެޓު ސިފަކުރަނީ، ގެދޮރުވެރިކުރުމުގެ ރަން ޒަމާނަށް ދިވެހިރާއްޖެ ގެންދިއުމުގެ ފެށުމުގެ ގޮތުގައެވެ. އެގޮތުން ގެދޮރުވެރިކުރުމާ ގުޅޭ މަޝްރޫޢުތަކަށް 3 ބިލިޔަނަށްވުރެ ބޮޑު ހޭދައެއް ކުރުމަށް ވަނީ ހިމަނާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް