ޔޫއެފާ ނޭޝަންސް ލީގުގައި މި މަހު ފްރާންސް ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަށް އެކުލަވާލި ސްކޮޑުން ރެއާލް މެޑްރިޑްގެ ފޯވަޑް ކިލިއަން އެމްބާޕޭ އަނެއްކާވެސް ބާކީކޮށްފި އެވެ.
މިދިޔަ އޮކްޓޯބަރ މަހު ކުޅުނު ދެ މެޗަށް ނެގި ސްކޮޑުން ވެސް އެމްބާޕޭ ވަނީ ބާކީކޮށްފައެވެ. އެހެން ނަމަވެސް އޭރު ފްރާންސްގެ ސްކޮޑުން އޭނާ ބާކީކުރީ އަނިޔާގައި ހުރުމަށް ފަހު، ރަގަޅުވެ އަލުން ކުޅުމުގެ ތެރެއަށް އައިނަމަވެސް މެޗް ފިޓްނަސް ނެތުމުން ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޮމްޕްސް ވަނީ އޭރު ބުނެފަ އެވެ.
އެއާއި ޚިލާފަށމިް ފަހަރު އެކުލަވާލި ސްކޮޑުން ވެސް އެމްބާޕޭއަށް ފުރުސަތު ނުދިނީ އޭނާއަށް އަނިޔާގެ އެއްވެސް މައްސަލައެއް ހުރެގެން ނޫނެވެ. އެއީ ހަމަ އެކަނި ދެމެޗަށް ނިންމި ނިންމުމެއް ކަމަށް ކޯޗު ޑިޝޯމްޕް ވަނީ ބުނެފައެވެ. އޭނާ ބުނީ އެގޮތަށް ނިންމީ އެމްބާޕޭއާއި އެކު ބައްދަކޮށް މަޝްވަރާތަކެއް ވެސް ކުރެވުމަށް ފަހުގައިކަމަށެވެ.
އުމުރުން 25 އަހަރުގެ އެމްބާޕޭ ހިލޭ ޓްރާންސްފަރ އެއްގެ ދަށުން މިދިޔަ ހޫނު މޫސުމުގައި ސްޕެއިން ރެއާލް މެޑްރިޑަށް ބަދަލުވި ފަހުން އޭނާގެ އަސްލު ކުޅުން ދެއްކޭގޮތް ވަނީ ނުވެފަ އެވެ. ރެއާލް މެޑްރިޑަށް މި ސީޒަނުގައި އެމްބާޕޭ ކުޅެދިން 15 މެޗުގައި އޭނާއަށް ޖެހިފައިވަނީ 8 ގޯލެވެ.
މިދިޔަ ސީޒަނުގައި ސްޕެނިޝް ލަލީގާގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ރެއާލް މެޑްރިޑް އިން ވަނީ މި ސީޒަނުގައި ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު އެލް ކްލެސިކޯ އިން 4-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އަދި ލީގުގެ އެއްވަނައިގައި ބާސެލޯނާ އޮތްއިރު ދެ ޓީމުގެ ދެމެދުގައި 9 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
2018 ވަނަ އަހަރު ފްރާންސް އިން ވޯލްޑްކަޕް ކާމިޔާބުކުރި ޓީމުގައިވެސް ހިމެނޭ އެމްބާޕޭ ވަނީ ފްރާންސްގެ ގައުމީ ޓީމަށް ކުޅެދިން 86 މެޗުގައި މިހާތަނަށް 48 ގޯލު ޖަހާފަ އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ އިޒްރޭލާއި ދެކޮޅަށް އަމިއްލަ ގައުމުގައި ފްރާންސް ކުޅުމަށްފަހު ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ގައުމުން ބޭރުގައި ކުޅޭނީ އިޓަލީ އާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް