ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: ގާނާ (ގުރޫޕް އެޗް)

މި ފަހަރުގެ ވޯލްޑް ކަޕަކީ ގާނާއިން ކުޅޭނެ 4 ވަނަ މުބާރާތެވެ. މީގެ ކުރިން 3 މުބާރާތުގައި ވާދަކުރިއިރު، އެންމެ ފުރިހަމަ ކާމިޔާބީއަކީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ. ގާނ...

08 Nov 2022 | 17:48

މި ފަހަރުގެ ވޯލްޑް ކަޕަކީ ގާނާއިން ކުޅޭނެ 4 ވަނަ މުބާރާތެވެ. މީގެ ކުރިން 3 މުބާރާތުގައި ވާދަކުރިއިރު، އެންމެ ފުރިހަމަ ކާމިޔާބީއަކީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ. ގާނާ މި ފަހަރުގެ މުބާރާތަށް ކޮލިފައި މިވީ ފާއިތުވި ދެ މުބާރާތަށް ކޮލިފައިވުމަށް ކުރި މަސައްކަތް ވެސް ނާކާމިޔާބު ވުމަށްފަހުގައެވެ.

ބައްރު: އެފްރިކާ

ފީފާ ރޭންކިން: 61

މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 3

ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 2006

އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014

ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ކުއާޓާ ފައިނަލް 2010

ކޯޗު

ނަން: އޮޓޫ އަޑޫ

ގައުމު: ގާނާ

އުމުރު: 47 އަހަރު

އުފަންތާރީޚް: 9 ޖޫން 1975

ޓީމާ ހަވާލުވީ: 2022 ވަނަ އަހަރު

އޮޓޫ އަޑޫ އަކީ ޖަރުމަނަށް އުފަން ގާނާގެ ރައްޔިތެކެވެ. ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެއް ވެސްމެއެވެ. ކްލަބް ކެރިއަރުގައި ޖަރުމަނުގެ މަޝްހޫރު ބްރޫޝިއާ ޑޯޓްމަންޓާއި ހެމްބާގަށް ވެސް ކުޅެފައިވެއެވެ. ޑޯޓްމަންޑާއެކު 2002 ގެ ޖަރުމަނު ލީގު ހޯދި ކުޅުންތެރިޔާއަށް ކުރިއަށް ދިއުމަށް އެންމެ ބޮޑު ހުރަހަކަށްވީ އަނިޔާގެ މައްސަލައެވެ. އޮޓޫ އަޑޫ ވަނީ ގައުމީ ޓީމަށް ވެސް 7 އަހަރު ކުޅެފައެވެ. 2000 ގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އާއި 2006 ގެ ވޯލްޑްކަޕްގައި ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވެސް އޭނާއަށް ލިބުނެވެ.

ކުޅުން ހުއްޓާލުމަށްފަހު، އޮޓޫ އަޑޫ ކޯޗިންގ ކެރިއަރު ފެށީ 2009 ވަނަ އަހަރު ކުރީގެ ކްލަބް ހެމްބާގާއިންނެވެ. މީގެ ކުރިން ގާނާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފައިވާ އަޑޫ ގައުމީ ޓީމު ކޯޗުގެ މަގާމާ ހަވާލުވީ މި އަހަރުގެ ފެބްރުވަރީ މަހުގެ 10 ވަނަ ދުވަހުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ގާނާ ޓީމު 8 މެޗު ކުޅެފައިވާއިރު، މެޗަކަށް ޖެހޭ އެވްރެޖް ޕޮއިންޓަކީ 1.50 އެވެ. އޭނާ މި ވަގުތު އަންނަނީ ބްރޫޝިއާ ޑޯޓްމުންޑްގެ ޓްރެއިނަރ ސްކައުޓެއްގެ ވަޒީފާ ވެސް އަދާކުރަމުންނެވެ.

މުހިންމު ކުޅުންތެރިން:

ޑެނިއެލް އަމާޓޭ

ޑެނިއަލް އަމާޓޭ އަކީ މި ވަގުތު ގާނާ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާއެވެ. އުމުރުން 27 އަހަރުގެ ޑިފެންޑަރު ޒުވާން އުމުރުގައި ޑެންމާކްގެ ލީގުގައި ވިދާލުމަށްފަހު 2016 ވަނަ ބަދަލުވީ އިނގިރޭސި ޕްރިމިއާ ލީގުގެ ލެސްޓާ ސިޓީއަށެވެ. އެ ސީޒަންގައި އެންމެން ހައިރާންކޮށްލުމަށްފަހު ޕްރިމިއާ ލީގު ކާމިޔާބުކުރި ލެސްޓާ ޓީމުގައި އޭނާ ހިމެނެއެވެ. އޭނާއަކީ އެ ރަން ސީޒަނަށްފަހު ލެސްޓާ ދޫކޮށްނުގޮސް ތިބި 3 ކުޅުންތެރިންގެ ތެރެއިން އެކަކެވެ. މި ސީޒަންގެ މިހާތަނަށް އަމާޓޭ ވަނީ ލެސްޓާ ސިޓީއަށް 11 މެޗުގައި ކުޅެފައެވެ. 2015 ވަނަ އަހަރުން ފެށިގެން ގާނާގެ ގައުމީ ޓީމުން ޖާގަ ލިބެމުން އަންނަ އަމާޓޭ މިހާތަނަށް ގައުމީ ޓީމަށް 43 މެޗު ކުޅެފައިވާއިރު، މި ފަހަރުގެ ވޯލްޑް ކަޕްގައި ގާނާގެ ޑިފެންސް ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ އޭނާއެވެ.

މުހައްމަދު ކުޑުސް

ޑެނިސް ލީގުން ކެރިއަރު ފެށި އުމުރުން 22 އަހަރުގެ އެޓޭކިންގ މިޑްފީލްޑަރ ކުޑުސް އަކީ ގާނާ ޓީމުގައި ހިމެނޭ އެންމެ ހުނަރުވެރި ޒުވާން އެއް މިޑްފީލްޑަރެވެ. މިހާރު ނެދަލެންޑްސްގެ އަޔަސްއަށް ކުޅެމުން އަންނަ ކުޑުސް މި ވަގުތު ހުރީ ވަރަށް ވެސް ރަނގަޅު ފޯމެއްގައެވެ. އަޔަސްއަށް މި ސީޒަންގެ ލީގުގައި ކުޅުނު 12 މެޗުން 5 ލަނޑު ޖަހާފައިވާއިރު، ޗެމްޕިއަންސް ލީގުގައި ކުޅުނު 6 މެޗުން އޭނާ ވަނީ 4 ލަނޑު ޖަހާ 2 އެސިސްޓް ހަދާފައެވެ. ގައުމީ ޓީމަށް މިހާތަނަށް އެންމެ 18 މެޗު ކުޅެފައިވާއިރު، 5 ލަނޑު ޖަހާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް