ޗެލްސީގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑީޑިއާ ޑްރޮގްބާ އިސްލާމް ދީން ޤަބޫލު ކޮށްފި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަށް އޭނާ ދޮގު ކޮށްފިއެވެ.
ޑްރޮގްރާ އިސްލާމްދީން ޤަބޫލު ކޮށްފިކަމަށް ބުނެ މީސް މީޑިއާގައި ހަލުވި ކަމާއެކު ވާހަކަ ފެތުރެން ފަށާފައިވަނީ، މުސްލިމަކާ އެކު ދުއާ ކުރަން އިން ގޮތަކަށް ފެންނަ ފޮޓޯތަކެއް އިއްޔެއިން ފެށިގެން އާންމުވުމާ ގުޅިގެންނެވެ. މި ފޮޓޯތަކުގެ ސަބަބުން ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ސަލާހް ވެސް ވަނީ، ޑްރޮގްބާ އިސްލާމްވެއްޖެ ކަމަށް އޭނާގެ އޮފިޝަލް ފޭސްބުކް އެކައުންޓުގައި ބުނެފައެވެ.
ނަމަވެސް ފެތުރެމުން އަންނަ ވާހަކަތަކަށް އިޝާރާތް ކުރަމުން ޑްރޮގްބާ މިއަދު ކުރި ޓްވީޓެއްގައި ބުނީ އޭނާ އަދި ދީން ބަދަލު ނުކުރާ ކަމަށާއި ފޮޓޯއިން އެ ފެންނަނީ އޭނާގެ މުސްލިމު އެކުވެރިންތަކަކާ ބައްދަލުކޮށް، އެމީހުން ކުރަމުން ދިޔަ ދީނީ ކަމަކަށް އިހުތިރާމު ކުރުމުގެ ގޮތުން ބައިވެރިވެލުން ކަމަށެވެ.
ޑްރޮގްބާގެ ޓްވީޓާ ގުޅިގެން ޑރ. ސަލާހް ވެސް މިހާރު ވަނީ، އޭނާއަށް ފެތުރުނީ ދޮގު ޚަބަރެއް ކަމަށާއި ޑްރޮގްބާ އިސްލާމް ނުވާ ކަމަށް ބުނެފައެވެ.
ފުޓްބޯޅައިގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު އުޅުމަށްފަހު، ޑްރޮގްބާ ވަނީ ރިޓަޔަރ ވެފައެވެ. މިހާރު އޭނާ ހަމައެކަނި ކުރަނީ ޗެރިޓީ މަސައްކަތްތަށް ކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް