މީހެއްގެ ނަމަކަށް މައުމޫން ކިޔާތީ، ރައީސް ޔާމީންގެ މޫފުޅަށް ކުނި ބިހެއް އަމާޒުވިފަދަ !
ކުރިއަށް އޮތީ ރިޔާސީ އިންތިހާބެވެ. ދުވަހެއް ދުވަހަކަށް ދުވަސް ގާތްވެ ސިޔާސީ ފޯރިގަދަވަމުން އަންނައިރު އެއްބަޔަކު މިވަނީ ކެމްޕޭނުވެސް ފަށައި، ކެމްޕޭނު މެކުހަށް ޖަހާފައެވެ.
އެގޮތުން ކެމްޕޭނު އެންމެ ބާރު ސްޕީޑެއްގައި ގެންދަވާ އެއް ބޭފުޅަކީ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނުގެ ކެމްޕޭނު މެކުހަށް ޖަހާފައިވާ މި ދަނޑިވަޅުގައި އެމަނިކުފާނުގެ ވީޑިއޯއެއް މިވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެ، އެ ވީޑިއޯގެ ސަބަބުން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުންވެސް އަމާޒުވެގެން ގޮސްފައެވެ.
އެ ވީޑިއޯއިން ފެންނަނީ ރައީސް ޔާމީން މީހެއްގެ ޝަކުވާ އަޑު އައްސަވާފައި އެމީހާގެ ނަން އަހާލާ ހިސާބުންކަމުގައި ބެލެވެއެވެ.
އޭނާގެ ނަމަކީ މައުމޫން ކަމަށް ބުނުމުން ރައީސް ޔާމީންގެ މޫނުފުޅަށް ހީވީ ކުނި ބިހެއް އަމާޒުވެގެން ދިޔަހެންނެވެ.
"އައި ފީލް ސޯ ނޮސްޓޭލްޖިކް" ރައީސް ޔާމީންގެ ވާހަކަފުޅު ފެއްޓެވީވެސް އެ ބަސްފުޅުންނެވެ.
އެއަށްފަހު ނަމަކަށް މައުމޫން ކިޔާތީ ރައީސް މައުމޫނަށް އިޝާރާތް ކުރައްވާ ވިދާޅުވީ ވެރިކަން ކުރުމަށް 30 އަހަރު ލިބުނު ކަމަށާއި ހަމަ އެއްކަމެއްވެސް ކޮށް ނުދެވުނު ކަމަށެވެ.
ރައީސް ޔާމީން އެ ވާހަކަފުޅު ދެއްކެވި އިރު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲވެސް ހަމަ ކެކި ކެކިފައި ހޭ މަންޒަރު ފެނިގެންދެއެވެ.
ރައީސް ޔާމީން މި މޭރުމުން ވާހަކަފުޅު ދެއްކެވިއިރު ރައީސް މައުމޫންގެ ވެރިކަމުގައި ކެބިނެޓްގައި ރައީސް ޔާމީން ހިމެނިވަޑައިގެންނެވިއެވެ. ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރެއްވެވިއެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވީ ރައީސް މައުމޫންގެ ތާއީދާއިވެސް އެކުގައެވެ.
އެހެންނަމަވެސް ވެރިކަމަށް ވަޑައިގެން ވަކި ހިސާބަކުން ރައީސް ޔާމީން، ރައީސް މައުމޫން ފެއަށް ޖައްސަވައި އެންމެ ފަހުން ރައީސް ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްތަކުގައި ރައީސް މައުމޫން ޖަލުގައިވެސް ގިނަ ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ.
ރައީސް ޔާމީންގެ މި ވީޑިއޯއާއެކު ރައީސް ޔާމީނަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެއް ލެއެއް ހިނގާ ބޭބޭފުޅަށް އެހާ އިހާނެތިކޮށް ހިތާ މީހަކު ރައްޔިތުންނަށް ކުރާނީ ކޮން ގަދަރެއް އިހުތިރާމެއްތޯ؟ އެވެ.
ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން މި ވީޑިއޯއާމެދު ސޯޝަލް މީޑިއާގައި ބުނަމުންދަނީ ރައީސް ޔާމީން އެ ދެއްކެވީ 100ގެ ވާހަކަފުޅެއް ކަމަށާއި އެއީ ހަމަ ހިނި އަންނަވަރުގެ ކަމެއް ކަމަށެވެ.
https://twitter.com/Dhonkolhu/status/1589684660371873792?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1589684660371873792%7Ctwgr%5E37c44822f707acb9c95b100c739704903e8ab8f1%7Ctwcon%5Es1_&ref_url=https%3A%2F%2Fhathaavees.com%2F43303
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް