ބައްރު: ޔޫރަޕް
ފީފާ ރޭންކިން: 26
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 8
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1938
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ތިންވަނަ ( 1974 ، 1982 ) ގަދަ 16 ވަނަ ބުރު ( 1938، 1986 )
ކޯޗު
ނަން: ޗެސްލޯ މިޗްނިއޭވިޗް
ގައުމު: ޕޯލަންޑް
އުމުރު: 52 އަހަރު
ޓީމާ ހަވާލުވީ: 2022 ވަނަ އަހަރު
ޕޯލަންޑަށް އުފަން ޗެސްލޯ މިޗްނިއޭވިޗް އަށް މިފަހަރުގެ ވޯލްޑް ކަޕް ވާނީ ބޮޑު ޗެލެންޖަކަށެވެ. މިއަހަރު ޖަނަވަރީ މަހު ޕޮލެންޑްގެ ކޯޗުކަމާ ޗެސްލޯ ހަވާލުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ޕޮލެންޑް އަދި ކުޅެފައިވަނީ އެންމެ އަށް މެޗެވެ.
ޗެސްލޯ ކުޅުންތެރިއެއްގެ ގޮތުގައި މާ މަޝްޙޫރު ކުލަބުތަކަށް ކުޅެފައެއް ނުވެއެވެ. ކުޅުންތެރިއެއްގެ ގޮތުގައި މާ ބޮޑު ތަޖުރިބާތަކެއް ވެސް ލިބިފަނެތެވެ. ނަމަވެސް ކޯޗިންދާއިރާގައި ތަޖުރިބާ ލިބިފައިވެއެވެ. ޕޯލަންޑާއި ބެލަރޫސްގެ ގިނަ ކުލަބުތަކަކަށް ކޯޗުކޮށްދީފައިވާ ޗެެސްލާވް ވަނީ އޭނާ ކޯޗު ކޮށްދިން ކުލަބު ތަކާއި އެކު ކާމިޔާބީތަކެއްވެސް ހޯދާފައެވެ. ޕޮލެންޑަކީ ޗެސްލާވް ކޯޗުކޮށްދޭ ފުރަތަމަ ސީނިއަރ ގައުމީޓީމެވެ.
ޗެސްލޯގެ އިރުޝާދުގެ ދަށުން ޕޯލަންޑް މިހާތަނަށް ކުޅުނު 8 މެޗުގެ ތެރެއިން މޮޅުވީ 3 މެޗުންނެވެ. ތިން މެޗުން ބަލިވެފައިވާއިރު ދެމެޗުން ވީއެއްވަރެވެ. ޗެސްލޯއަށް މިފަހަރުގެ ވޯލްޑް ކަޕަކީ މުޅިން އައު ތަޖުރިބާއަކަށް ވާނެއެވެ.
މުހިންމު ކުޅުންތެރިން:
ރޮބާޓް ލެވަންޑޮސްކީ
އުމުރުން 34 އަހަރުގެ ރޮބާޓް ލެވަންޑޮސްކީއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. މިދިޔަ އަހަރު ޔޫއެފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާއަށް ލިބިފައިވެއެވެ. ލެވަންޑޮސްކީ ވަނީ ގައުމީ ޖާޒީގައި މިހާތަނަށް 134 މެޗު ކުޅެ، 76 ގޯލް ޖަހާފައިއެވެ.
ލެވަންޑޮސްކީ ވަނީ ޕޮލެންޑާއެކު 2012 ވަނަ އަހަރުގެ ޔޫރޯއާއި 2016 ވަނަ އަހަރު ޔޫރޯ އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކުޅެފައެވެ.
ގްރެގޯޒް ކްރިޗޯވިއަކް
ތަޖުރިބާކާރު މިޑްފީލްޑަރު ކްރިޗޯވިއަކް އަކީ ޕޯލެންޑްގެ ޓީމަށް މުހިންމު ކުޅުންތެރިއެކެވެ. ޕޯލެންޑްގެ ޓީމަށް 2008 އިން ފެށިގެން ކުޅެމުން އަންނަ ކްރިޗޯވިއަކް ވަނީ ފްރާންސްގެ ބޯޑޯ، ޕީއެސްޖީ އަދި ސްޕެއިންގެ ސެވިއްޔާގެ އިތުރުން ވެސްޓް ބްރޮމް އަށް ކުޅެފަ އެވެ. ކްރިޗޯވިއަކް މިހާރު ކުޅެމުން އަންނަނީ ލޯނެއްގެ ދަށުން ސައުދީ އަރަބިއާގެ އަލް ޝަބާބް އަށެވެ. އޭނާ ވަނީ ޕޯލަންޑްގެ ގައުމީ ޓީމަށް މިހާތަނަށް 93 މެޗު ކުޅެ ފަސްގޯލުވެސް ޖަހައިދީފަ އެވެ. އަދި ގައުމީ ޓީމާ އެކު 2016 ވަނަ އަހަރުގެ ޔޫރޯގައި ކުޅުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް