ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: ޕޯޗުގަލް (ގުރޫޕް އެޗް)

ވޯލްޑް ކަޕްގައި މިހާތަނަށް ރަނގަޅު ކާމިޔާބީއަކާ ހަމައަށް ވާޞިލްވެވިފައިނުވާ ޕޯޗުގަލް މި އަހަރުގެ މުބާރާތަށް ކޮލިފައިވީ ވެސް، ގްރޫޕް މަރުހަލާ ކާމިޔާބު ނުކުރެވި ޕްލޭ-އޮފް ކުޅެގެންނެވެ. މިފަހަރުގެ ވޯލްޑް...

08 Nov 2022 | 03:51

ވޯލްޑް ކަޕްގައި މިހާތަނަށް ރަނގަޅު ކާމިޔާބީއަކާ ހަމައަށް ވާޞިލްވެވިފައިނުވާ ޕޯޗުގަލް މި އަހަރުގެ މުބާރާތަށް ކޮލިފައިވީ ވެސް، ގްރޫޕް މަރުހަލާ ކާމިޔާބު ނުކުރެވި ޕްލޭ-އޮފް ކުޅެގެންނެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕަށް ވުން ވަރަށް ގާތެވެ.

ބައްރު: ޔޫރަޕް

ފީފާ ރޭންކިން: 9

މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 7

ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1966

އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018

ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: 3 ވަނަ 1966، 4 ވަނަ 2006

ކޯޗު

ނަން: ފެނާންޑޯ ސަންޓޯސް

ގައުމު: ޕޯޗުގަލް

އުމުރު: 68 އަހަރު

އުފަންތާރީޚް: 10 އޮކްޓޯބަރ 1954

ޓީމާ ހަވާލުވީ: 2014 ވަނަ އަހަރު

އުމުރުން 68 އަހަރުގެ ސަންޓޯސް ކޯޗިންގ ކެރިއަރު ފެށުމުގެ ކުރިން، ޑިފެންޑަރެއްގެ ގޮތުގައި ޕޯޗުގަލްގެ މަތީ ފަންތީގެ 3 ލީގުގައި ތަފާތު އެކި ކްލަބްތަކަށް ކުޅެފައިވެއެވެ. ގައުމީ ޓީމަށް ކުޅުމުގެ ޝަރަފު ލިބިފައިނުވާ ސަންޓޯސް އުމުރުން 33 އަހަރުގައި ކުޅުން ހުއްޓާލުމަށްފަހު، 1988 ވަނަ އަހަރު ކޯޗިންގ ކެރިއަރު ފެށީ އެސްޓޮރިލް އިންނެވެ. އެއަށްފަހު ޕޯޗުގަލްގެ ފުރަތަމަ ޑިވިޝަންގެ ބޮޑު 3 ކްލަބަށް ވެސް ކޯޗުކަން ކޮށްދީފައިވާއިރު، ޕޯޓޯއާއެކު 5 ތަށި ކާމިޔާބުކުރިއެވެ.

މީގެ ކުރިން ގްރީސްގެ ކޯޗެއްގެ ގޮތުގައި، އެ ގައުމަށް ވޯލްޑް ކަޕްގެ މުބާރާތަކާއި ޔޫރޯގައި ވެސް އިރުޝާދު ދީފައިވާ ސަންޓޯސް ޕޯޗުގަލްގެ ޓީމާ ހަވާލުވީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ. ސަންޓޯސްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް އިން ވަނީ 2016 ވަނަ އަހަރުގެ ޔޫރޯގެ ތަށި އުފުލާލާފައެވެ. މިއީ ޕޯޗުގަލްއަށް ބޮޑު މުބާރާތެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އޭގެ ފަހުން ޕޯޗުގަލް އިން ޔުއެފާ ނޭޝަންސް ލީގުގެ ތަށި ވެސް ހޯދާފައިވެއެވެ. ސަންޓޯސްގެ އިރުޝާދުގެ ދަށުން މިހާތަނަށް ޕޯޗުގަލް 103 މެޗު ކުޅެފައިވާއިރު، އެވްރެޖްކޮށް މެޗަކަށް ޖެހޭ ޕޮއިންޓަކީ 2.07 އެވެ.

މުހިންމު ކުޅުންތެރިން:

ކްރިސްޓިއާނޯ ރޮނާލްޑޯ

ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ގުނާލެވުނު ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ޕޯޗުގަލްގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. މި ވޯލްޑް ކަޕަކީ މިހާރު އުމުރުން 37 އަހަރުގެ ރޮނާލްޑޯގެ އެންމެ ފަހު ވޯލްޑްކަޕަށް ވުން ވަރަށް ގާތެވެ. ޕޯޗުގަލްއާއެކު ޔޫރޯ އާއި ނޭޝަންސް ލީގު ހޯދުމަށްފަހު، މި ވަގުތު ރޮނާލްޑޯއަށް މަދުވާ ބޮޑު ޓްރޮފީއަކީ ވޯލްޑް ކަޕްގެ ތަށްޓެވެ. އެހެނަސް، ގޯލާ ރައްޓެހި ފޯވާޑް މި ވަގުތު ހުރީ ވަރަށް ދަށް ފޯމެއްގައެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ 11 އިން ޖާގަ ހޯދުން އޭނާއަށް ދަތިވެފައިވާއިރު، ޕްރިމިއާ ލީގުގެ މި ސީޒަންގައި ކުޅުނު 10 މެޗުން ޖެހުނީ އެންމެ ލަނޑެކެވެ. ދަށް ފޯމެއްގައި ހުއްޓަސް، ޕޯޗުގަލްއަށް 191 މެޗުން 117 ލަނޑު ޖަހާ ރެކޯޑް ހަދާފައިވާ، ކެޕްޓަން ރޮނާލްޑޯ ވޯލްޑް ކަޕްގައި ތަފާތު ދެއްކުމަކީ ވަރަށް ވެސް ގާތްކަމެކެވެ.

ބްރޫނޯ ފެނާންޑޭޒް

އުމުރުން 27 އަހަރުގެ ބްރޫނޯ ފެނާންޑޭޒް އަކީ ޕޯޗުގަލްގެ ގައުމީ ޓީމުގެ މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިޔާއެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭ-އޮފް ގައި ނޯތު މެސެޑޯނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ވެސް ޖެހި ފެނާންޑޭޒް ފާހަގަކުރެވެނީ އެޓޭކްތައް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެއްގެ ގޮތުގައެވެ. މި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު 12 މެޗުން އޭނާ ވަނީ 2 ލަނޑު ޖަހާ 1 އެސިސްޓް ހަދާފައެވެ. 2017 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުން ޖާގަ ލިބެމުން އަންނަ ފެނާންޑޭޒް މިހާތަނަށް ގައުމީ ޓީމަށް 48 މެޗު ކުޅެ 9 ލަނޑު ޖަހާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް