ވާދަކުރާނީ އިންޑިއާގެ ޗީފް މިނިސްޓަރާ ކަމުގައި ޕީޕީއެމް ޕީއެންސީގެ ކެނޑިޑޭޓް އަދި ކުރީގެ ރައީސް، ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި "އަފިރިން ޔާމީން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގައި ވަރަށް ޖޯޝާއި ފޯރީގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ ވާދަކުރައްވަން އުޅުއްވަނީ އިންޑިއާގެ ޗީފް މިނިސްޓަރާ ކަމަށާއި ވޯޓު ދޭނީ އިންޑިއާގެ ޗީފް މިނިސްޓަރަށް ތޯ، ދިވެހި ލޭ ހިނގާ ދިވެހި ދަރިޔަކަށްތޯ ނިންމާނީ ދިވެހިން ކަމަށެވެ.
ބެލެވޭގޮތުގައި ރައީސް ޔާމީން އެ އިޝާރާތް ކުރެއްވީ އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީއަށެވެ. އިންޑިއާގައި ޗީފް މިނިސްޓަރުން ތިބެނީ ސްޓޭޓްތަކުގެ ވެރިންނަށެވެ.
ރައީސް ޔާމީންގެ ރޭގެ ވާހަކަފުޅުގައި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ވަރަށް ބޮޑަށް ޖޯކު ޖެއްސެވިއެވެ. ބޭރުގެ ޖެޓްތަކުން އެއާޕޯޓް ފުރިފައިވާތީ މޯލްޑިވިއަންގެ ބޯޓަށް ޖެއްސުނީ އެތައް ގަޑިއިރަކުންކަމަށްބުނެ އެމްޕީ ނިހާދަށް މަލާމާތް ރައްދުކުރިއެވެ.
އައްޑޫގައި ގާއިމްކޮށްފައިވާ ޕޮލިސް ޓްރޭނިން ސެންޓަރުން އިންޑިއާ ބޭރުކުރުމާއިމެދުވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އެ ސަރަހައްދުގައި ރޭސިން ޓްރެކެއް އެޅުމަކީ ޒުވާނުންގެ އެދުމަކަށްވާއިރު އެ ސަރަހައްދުން އިންޑިއާ ސިފައިން ބޭރުކުރެވޭނީ ރައްޔިތުންނަށް ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ކަމެއް ނުވަނީ ސަރުކާރުގެ ފިނޑިކަމުން ކަމަށާއި ދާއިރާގެ މެންބަރުންވެސް ދާއިރާގެ ރައްޔިތުންގެ ހައްގުގައި ބަހެއް ބުނެލާ ވޯޓެއް ލާ އަތް ހިއްލާލަންވެސް ނުކެރޭކަމުގައި ރައީސް ޔާމީންގެ ވާހަކަފުޅުގައި ތަކުރާރުކޮށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް