ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި އުތުރާއި މެދުރާއްޖޭގެ ބައެއް ރަށްތަކަށްވެސް ގުގުރުމާއެކު ކެރީގެ އަސަރު ފޯރުން އެކަށީގެންވެއެވެ.
"ހުޅަނގާއި ހުޅަނގުއުތުރުން، އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
މިއަދު ކަނޑުތަކަށް ބަލައިލާއިރު އުތުރާއި މެދުރއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓުން ބުނެއެވެ.
ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ މެދުރާއްޖެއާއި އުތުރުގައި އެއް ފޫޓާއި ތިން ފޫޓާއި ދެމެދު އަދި ދެކުނުގައި ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުރާއްޖެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމުގައިވެސް މެޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް