މިއީ ޗައިނާގެ ފުލުހުން މި ހަފްތާތެރޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެމަފިރިއެއްގެ ވާހަކަ އެވެ. ޗައިނާގެ ޒީޖިއާން ޕްރޮވިންސްގެ މި ދެމަފިރިން ހައްޔަރުކޮށްފައިވަނީ ފައިސާ ހޯދުމަށް ޝިކާރައެއްގެ ގޮތުގައި އެ ދެމަފިރިންގެ 14 އަހަރުގެ ފިރިހެން ދަރި ބޭނުންކުރާ މައްސަލައިގަ އެވެ.
އެ ދެމަފިރިން މިކަން ކުރާގޮތް އެ ފިރިހެން ކުއްޖާ ފުލުހުންނަށް ކިޔާދީފައިވާއިރު އެ ކުއްޖާ ބުނެފައިވަނީ ޓެކްސީއަށް އެރުމަށްފަހު ދާން ބޭނުންވާ މަންޒިލަށް ވާސިލުވާން ކައިރިވުމުން އޭނާގެ ބައްޕަ ނޫންނަމަ މަންމަ އޭނާއަށް އިސާރާތެއް ކޮށްލާ ކަމަށާއި އެ އިސާރާތް ކޮށްލުމުން ޓެކްސީއިން ވެއްޓުމަށް އޭނާ ގާތު އޭނާގެ މަންމަ އަދި ބައްޕަ ބުނެފައިވާކަމަށެވެ.
އެގޮތަށް ވެއްޓުމަށްފަހު އިންތިހާއަށް ތަދުވާކަމުގެ އެކްޓް ކުރަން ޖެހޭ ކަމަށާއި އެގޮތަށް އެކްޓު ކުރުމުން މިކުއްޖާގެ މަންމައާއި ބައްޕަ އެ ޓެކްސީ ޑްރައިވަރަކާއި ޒުވާބުކޮށް ފައިސާ އަތުލާކަމަށް އެ ކުއްޖާ ކިޔާދީފައި ވެ އެވެ.
އެ ކުއްޖާ އިތުރަށް ބުނެފައިވަނީ ބައެއް ދުވަސް ދުވަހު ސްކޫލު ކިޔެވުން ދޫކޮށްލާފައިވެސް މަންމައާއި ބައްޕައާއެކު މިގޮތަށް ފައިސާ ހޯދަން ނިކުންނަން ޖެހޭ ކަމަށެވެ.
ޗައިނާ ފުލުހުން ބުނެފައިވަނީ މި ދެމަފިރިން މިގޮތަށް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެތައް ހާސް ޑޮލަރެއް ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް