ކަސްރަތުން ލިބޭ ނަފްސާނީ ހަތް ފައިދާ

ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ކަސްރަތު ކުރުމުން އޭގެ ފައިދާ ލިބެނީ ކޮނޑުން ތިރީގެ ގުނަވަންތަކަށް ކަމަށެވެ. މިއީ މުޅިން ގޯސް ހީއެކެވެ. ކަސްރަތު ކުރުމުގެ އެތައް އެދެވޭ އަސަރެއް ސިކުނޑިއަށް ވެސް ފޯރައެ...

08 Nov 2017 | 01:58

ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ކަސްރަތު ކުރުމުން އޭގެ ފައިދާ ލިބެނީ ކޮނޑުން ތިރީގެ ގުނަވަންތަކަށް ކަމަށެވެ. މިއީ މުޅިން ގޯސް ހީއެކެވެ. ކަސްރަތު ކުރުމުގެ އެތައް އެދެވޭ އަސަރެއް ސިކުނޑިއަށް ވެސް ފޯރައެވެ. އަދި ކަސްރަތުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަންވެސް އިތުރުވެގެންދެއެވެ. މީގެ ތެރޭގައި ހީވެސް ނުކުރާފަދަ ފައިދާތަކެއް ހިމެނެވެ. މީގެ ތެރެއިން ހަތް ފައިދާއެއް ތިރީގައި ބަޔާން ކޮށްލާނަމެވެ.

ސްޓްރެސް ދަށްކޮށްދޭ

އެކި މީހުން ދިރިއުޅުމުގައި ދިމާވާ ކަންކަން ބަލައިގަންނަނީ އެކި ގޮތަށެވެ. ތިމާއަށް ކިތަންމެ ކުޑަކަމެއްގެ ގޮތުގައި ފެންނަ ކަމެއް އެއީ އެހެން މީހަކަށް ނިކަން ބޮޑުކަމަކަށްވެދާނެއެވެ. ތިމާއަށް އެކަމަކާ އެއްވެސް ވަރަކަށް ހާސްނުވާ ކަންކަމަކީ އެހެންމީހަކު އެކަންކަމާ ވިސްނާ ފިކުރުކުރެވި، ކަންބޮޑުވާކަމަކަށް ވެދާނެއެވެ. އަހަރުމުންގެ ސިކުނޑި ސްޓްރެސް ބަލައިގަންނަ ގޮތް ބަދަލުކޮށްލުމުގައި އެންމެ ބޮޑު ރޯލެއް ކުޅޭ އެއް މާއްދާއަކީ ނޮރެޕްނެފްރިންއެވެ. ކަސްރަތުގެ ސަބަބުން އަހަރެމެންގެ ސިކުނޑީގައި ނޮރެޕްނެފްރިން އުފައްދާ މިންވަރު އިތުރުކޮށްދެއެވެ. މި މާއްދާ އަހަރެމެންގެ ސިކުނޑީގައި އިތުރުވުމުން ކަންބޮޑުވާފަދަ ކަމެއް ކުރިމަތިވުމުން އެކަމަކަމާމެދު ރަނގަޅުގޮތުގައި ފިކުރުކުރެވި އެކަމަކާ ކުރިމަތިލާން ފަސޭހަވެގެންދެއެވެ.

ސްޓްރެސް އަކީ އަހަރެމެން ކޮންމެ އިންސާނެއްވެސް ދިރިއުޅުމުގެ ކޮންމެވެސް މަރުހަލާއެއްގައި ކުރިމަތިލާންޖެހޭ ކަމެކެވެ.މީހާ ސްޓްރެސްވުމުން މޫނު، ކަނދުރާ، އަދި ކޮނޑުގެ މަސްތައް ވާންވެއެވެ. މިކަމުގެ ސަބަބުން ބުރަކަށީގައި ރިއްސުން ނުވަތަ ކަނދުރާގައި ރިއްސުން ނުވަތަ ބޮލުގައި ރިއްސުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހެއެވެ. މީގެ އިތުރުންވެސް ސްޓްރެސްގެ ސަބަބުން ދިމާވާ ބައެއް މައްސަލަ ތަކުގެ ތެރޭގައި ގިނައިން އަކުނިވަޔަށް ދެމުން، ބަނޑުގައި ރިއްސުން، ބޭރަށް ހިނގުން އަދި ގިނަ ގިނައިން ކުޑަ ކަމުދާން ޖެހުން، އަދި މޭގައި ރިއްސުން ފަދަ ސީރިއަސް މައްސަލަތައް ވެސް ހިމެނެއެވެ. ކަސްރަތުގެ ސަބަބުން ސިކުޑީގައި އެންޑޯފިން އުފައްދާ މިންވަރު އިތުރުވެގެންދެއެވެ. އެންޑޯފިންއަކީ ސްޓްރެސް އާއި ހަނގުރާމަކުރަށް އެހީވެދޭ މާއްދާއެކެވެ. އެހެންކަމުން ކަސްރަތުކުރުމުގެ ސަބަބުން ސްޓްރެސްއާއި ކުރިމަތިލުމަށް މިގޮތުންވެސް ފަސޭހަވެގެންދެއެވެ. މީގެ އިތުރުން، ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ މަސްތަކަށް ދޫލިބި ހަށިގަނޑަށް ފަސޭހަލިބިގެންދެއެވެ. ސިކުނޑި ހަށިގަނޑުގެ ހުރިހާ ސެލްއަކާއި ގުޅި ލާމެހިފައިވުމުގެ ސަބަބުން މަސްތަކަށް ލިބޭ ފަސޭހައިގެ ސަބަބުން އާހިރުގައި ސިކުނޑިއަށްވެސް ފަސޭހަލިބިގެންދެއެވެ.

ޑިޕްރެޝަން އާ ކުރިމަތިލުމަށް އެހީވެދޭ

ދިރާސާތަކުން ދައްކާ ގޮތުގައި ކުޑަ އަދި މެދުމިނުގެ ޑިޕްރެޝަންއަށް ފަރުވާކުރުމަށް ދެވޭ އެންޓިޑެޕްރެޝަން ބޭހުން ލިބޭ ފައިދާ ކަސްރަތުކުރުމުން ލިބެއެވެ. އަދި ކުރިން ޑިޕްރެޝަން ތަހަންމަލްކޮށްފައިވާ މީހެއް ގަވާއިދުން ކަސްރަތުކުރާނަމަ އަލުން ޑިޕްރެޝަން ކުރިމަތިވުމުގެ ފުރުސަތު ކުޑަކޮށްދޭކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.

ގަވާއިދުން ކަސްރަތު ކުރާނަމަ ސަބަބުން ސިކުޑިއަށް ގިނަ ބަދަލުތަކެއް އާދެއެވެ. މިގޮތުން އާ ނިއުރޯންސް އުފެދި، އިންފްލެމޭޝަން ކުޑަކޮށްދީ، ހިތްހަމަޖެހުމުގެ އިހްސާސްތައް ފޯރުކޮށްދޭ އެކްޓިވިޓީ ޕެޓާންސްތައް ސިކުޑީގައި އުފެދި ސިކުނޑީގައި ހުންނަ އެންޑޯފިންގެ މިންވަރު އިތުރުކޮށްދެއެވެ. އެންޑޯފިންއަކީ އުފާވެރިކަމަށް އިހުސާސު އާލާކޮށްދޭ މާއްދާއެކެވެ. ސިކުނޑިއަށް މިފަދަ ބަދަލުތައް އައުމުގެ ސަބަބުން ޑިޕްރެޝަން އާއި އެންޒައިޓީފަދަ ނަފްސާނީ ބަލިތަކުން ރައްކާތެރިވުމަށް އެހީވެދެއެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ކަސްރަތަކީ ނަފްސާނީ ބަލިތަކަށް ދެވޭ ވެކްސިންއެކެވެ.

އަމިއްލަ ނަފްސަށް އިތުބާރުކުރެވޭ މިންވަރު އިތުރުވޭ

ގަވާއިދުން ކަސްރަތު ކުރުމަކީ އަހަރެމެންގެ ހަށިގަނޑަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ކުރެވޭ ވަރަށް ރަނގަޅު ހޭދައެކެވެ. ކަސްރަތުކުރުމަށް އާދަވުމުން އަހަރެމެން އަމިއްލަ ނަފްސާމެދު ދެކޭގޮތް ބަދަލުކޮށްލައެވެ. ތިމާގެ ހަށިގަނޑާ މެދު ހިތްހަމަޖެހި، ތިމާއަކީ ރީތި އަދި ހިތްވަރުގަދަ މީހެއް ގޮތުގައި އަމިއްލަ ނަފްސު ދެކެންފަށައެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސުދެކެ ލޯބިވާ މިންވަރު އިތުރުވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ ވަރުގަދަވެގެންދެއެވެ.

ވިސްނުން ތޫނުވެ ހަނދާން ވަރުގަދަވޭ

ކަސްރަތު ކުރުމުގެ ސަބަބުން ސިކުނޑީގައި އިންސާނާގެ ހަނދާންތައް ރައްކާކޮށްދިނުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ "ހިޕޮކޭމްޕަސް" ގައި އާ ސެލްތައް އުފެއްދުމަށް އެހީވެދެއެވެ. މިކަމުގެ ސަބަބުން ހަނދާން ވަރުގަދަވެ އުނގެނެން ފަސޭހަވެގެންދެއެވެ. އަދި  އުމުރުން ދުވަސްވުމުން ހަނދާން ބަލިވުމަށް މެދުވެރިވާ މައްސަލަ ދައްކޮށްދެއެވެ.

ސިކުނޑީގައި އުފައްދާ މާއްދާއެއްކަމުގައިވާ އެންޑޯފިން އަކީ ސްޓެރެސް އާއި ޑިޕްރެޝަން ކުޑަ ކުރުމުގެ އިތުރުން ކަންކަމަށް ސަމާލުކަން ދިނުމަށް އެހީތެރިވެދީ ތޫނުފިލިކަން އިތުރުކޮށްދޭ މާއްދާ އެކެވެ. ކަސްރަތުގެ ކުރުމުގެ ސަބަބުން ސިކުނޑީގައި މި މާއްދާ އުފައްދާ މިންވަރު އިތުރުވެ ސިކުނޑީގައި ސެލްތައް އުފެދޭ މިންވަރު އިތުރުވެގެންދެއެވެ. އެހެންކަމުން ކަސްރަތު ކުރުމުގެ ސަބަބުން ކަންކަމަށް ސަމާލުކަންދެވޭ މިންވަރު އިތުރުވެ ތޫނުފިލިކަން އިތުރުވެގެންދެއެވެ.

އެންޒައިޓީ ނުވަތަ ޕެނިކް ޑިސްއޯޑަރ އަށް އެހީވެދޭ

ތިމާއަށް ނުރައްކަލެއް ކުރިމަތިވާ ހިނދު އޭގެން ރައްކާތެރިކަން ހޯދުމަށް ހަށިގަނޑަށް ބަދަލުތަކެއް އާދެއެއެވެ. މި ބަދަލުތަކަށް ކިޔަނީ "ފައިޓް އޯ ފްލައިޓް" ރެސްޕޯންސްއެވެ. އެންޒައިޓީ ނުވަތަ ޕެނިކް ޑިސްއޯޑަރ ކުރިމަތިވާން މެދުވެރިވަނީ ނުރައްކާތެރި ހާލަތެއް މެދުވެރިނުވަނީސް އިސްވެ ބުނެވުނު "ފައިޓް އޯ ފްލައިޓް" ބަދަލުތައް ހަށިގަނޑަށް އައުމުގެ ސަބަބުންނެވެ. އެންޒައިޓީ ނުވަތަ ޕެނިކް ޑިސްއޯޑަރގެ ސަބަބުން ގައިން ދާހިއްލާ، ހިތުގެ ހިނގުން އަވަސްވެ، ނޭވާ ކުރުވެ، ބިރުގަންނަ ގޮތް މެދުވެރިވެއެވެ.

ކަސްރަތުގެ ސަބަބުންވެސް ގައިން ދާހިއްލާ، ހިތުގެ ހިނގުން އަވަސްވެ، ނޭވާ ކުރުވެއެވެ. މިކަމުގެ ސަބަބުން އެންޒައިޓީ އަދި ޕެނިކް އެޓޭކް ތަހަންމަލްކުރާ މީހަކަށް، ހަށިގަނޑަށް އަންނަ މިފަދަ ބަދަލުތަކާ ކުރިމަތިލާން ދަސްވެގެންދެއެވެ. އަދި މިކަމުގެ ސަބަބުން އެންޒައިޓީ އަދި ޕެނިކް އެޓޭކްތަކާ ކުރިމަތިލާން ޖެހޭ މިންވަރު މަދުވެ މި ބައްޔަށް ފަރުވާ ލިބިގެން ދެއެވެ.

ނިދަން އުނދަގޫވުމަށްވެސް ހައްލެއް

އިންސޯމްނިއާ ނުވަތަ ނުނިދޭ ބައްޔަކީ ނިދަން އުނދަގޫވުން ނުވަތަ އެކަށީގެންވާ މިންވަރަށް ނިދި ނުލިބުމުން ޖެހޭ ބައްޔެކެވެ. ނިންޖާއި ބެހޭ ބަލިތައް ދިރާސާ ކުރާ އެމެރިކާގެ ޖަމިއްޔައެއްކަމުގައިވާ ސްލީޕް ފައުންޑޭޝަން އިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ކަސްރަތު ކުރުމުގެ ސަބަބުން ގަވާއިދުން ނިދި ލިބި ނިދަން ފަސޭހަވެގެންދެއެވެ. މި ދިރާސާތަކުން ހާމަވާގޮތުގައި އިންސޯމްނިއާއަށް ފަރުވާ ހޯދުމުގެ ބޭނުމުގައި ބޮޑަށް ވަރުބަލިވާފަދަ ކަސްރަތު (ދުވުން، އެއޮރޮބިކްސް، ކާޑިއޯ) ކުރާނަމަ، މިފަދަ ކަސްރަތުކުރުން އެންމެ ރަނގަޅީ ދުވާލުގެ ވަގުތުތަކެވެ. ރޭގަނޑު ކަސްރަތުކުރާނަމަ ކުރުން އެދެވިގެންވަނީ ޔޯޖާ ނުވަތަ ސްޓްރެޗިން ފަދަ ލުއި ކަސްރަތު ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް