ވިއްސާރަވެ، މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ މަތީ ފެންވަރުގެ ކޮމިޓީގެ ދެވަނަ ބައްދަލުވުން ބާއްވައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިއަދު ސަރުކާރު ޚަބަރުގައި ބުނެފައިވަނީ މި ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން، ވިއްސާރަވެ، ބޯކޮށްވާރޭވެހޭ ކޮންމެ ދުވަހަކުހެން މާލޭގެ ވަރަށް ބޮޑުބައެއްގައި އޮންނަނީ ފެންބޮޑުވެފައި، ޚާއްޞަކޮށް މާލޭގެ ހަތަރު އަވަށުގެތެރެއިން އެންމެ ބޮޑު އެންމެ މީހުން ގިނަ އަވަށްކަމުގައި ވެފައިވާ މާފަންނުގެ ބޮޑުބަޔަކާއި، މާލޭގެ ދެކުނު ފަރާތުން ބޮޑުބައެއްގައި އާދަޔާ ޚިލާފަށް ފެންބޮޑުވޭ، އެކަމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިވެ، މުދަލަށް ގެންލުންލިބޭ، ހިފައިގެންގުޅޭ ތަކެއްޗާއި، އިލެކްޓްރޯނިކް ތަކެތި ހަލާކުވޭ، އަދި އެ ސަރަހައްދުތަކުން ޞިއްޙީ ޚިދުމަތް ފަދަ ޚިދުމަތްތައް ލިބިގަތުމަށް ދިޔުމުގައި ބޮޑެތި ތަކްލީފްތައްކުރިމަތިވޭ" އެ ވުޒާރާއިން މިއަދު ބުނެފައިވެއެވެ.
އެ ސަރަހައްދުތަކުގެތެރޭގައި ހިމެނޭ މަގުތަކުގެތެރެއިން އެންމެ ބޮޑު، މާލޭގެ އެއްކޮޅުން އަނެއްކޮޅަށް އޮންނަ އަމީނީ މަގު، ބޮޑު ޚަރަދުކޮށްގެން މި ދިޔަ އަހަރު“ޒަމާނީ” ރަނގަޅު ފެންވަރަކަށް ހެދުމުން މާލޭގައި ފެން ބޮޑުވުމަށް ލިބޭނެކަމަށް ރައްޔިތުންނަށް އުންމީދު ދެމުން ގެންދެވުނު ފަސޭހަޔާއި ހައްލުތައް ނުލިބުން އެއީ ރައްޔިތުންނަށް ލިބުނު މާޔޫސްކަމެއްކަން ފާހަގަކޮށް އެ ވުޒާރާއިން ބުނެފައިވަނީ އެހެންކަމުން، ކޮމިޓީއެއް އުފައްދަވައި އެ ކޮމިޓީއާއި މަތިކުރައްވާފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ގެނެވިދާނެ ޖުމުލަ ހައްލު ދެނެގަނެ، އެ ހައްލުގެނައުމަށް މަގުފަހިކުރުން ކަމަށެވެ.
މި މަސައްކަތްކުރިއަށް ގެންދެވުމަށް ސިލްސިލާގޮތެއްގައި ބާއްވަމުންގެންދަން ރާވާފައި ބައްދަލުވުންތަކުގެތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި، ފެންބޮޑުވުން ހުއްޓުވުމަށް ކުރު މުއްދަތެއްގައި އެޅިދާނެ ފިޔަވަޅުތަކާއި، ފެންބޮޑުވެގެން އާންމުކޮށް ގެއްލުން ލިބޭ ގޭގެއަށް އެހެންވާ ސަބަބުތައް ތަފްޞީލީގޮތެއްގައި ދެނެގަތުމަށް ދިރާސާކޮށް ހައްލު ހޯދުން ފަދަ މުހިންމު ކަންތައްތަކާ މެދު މަޝްވަރާކުރެވުނު ކަމަށާއި އަދި މީގެ އިތުރުން، މި މައްސަލައަށް ޖުމުލަ ހައްލެއް ހޯދުމަށް ފުންކޮށް ދިރާސާކޮށް، ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރެވިގެން މަސައްކަތްތަކެއްކުރުމުގެ މުހިންމުކަންވެސް މި ބައްދަލުވުމުގައި ފާހަގަކުރެވުނު ކަމުގައި ބުނެފައިވެއެވެ. މިގޮތުން، ފެންބޮޑުވުން ހުއްޓުވުމުގެ ނިޒާމުތައް ހަރުދަނާކޮށް، މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ޢަމަލީގޮތުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް