މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބައެއް ސްޓޭކްހޯލްޑަރުންނާއެކު "މީރާގެ ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން އިވެންޓް"ގެ ނަމުގައި ފޯރަމެއް މިއަދު ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ މީރާގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގައި، މި އޮތޯރިޓީގެ "މަސްލަހަތުވެރިން"ގެ ޚިޔާލާއި މަޝްވަރާހޯދާ، މީރާއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކޮށް ޓެކްސްދައްކާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭނެފަދަ ގޮތަކަށް މީރާގެ މަސައްކަތްތައް ބައްޓަންކުރުމަށެވެ.
މި ބައްދަލުވުމުގައި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (އެމް.އޭ.ޓީ.އައި)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖަންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ)، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމް.އެން.އޭ.ސީ.އައި) ފަދަ ޖަމްއިއްޔާތަކާއި ޓެކްސް ފާރމްތަކާއި އޮޑިޓަރުން ބައިވެރިވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލް ހަސަން ޒަރީރު ވަނީ ޓެކްސް ނިޒާމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެ ޓެކުހުގެ ނިޒާމް ހަރުދަނާ ކުރުމަށް، ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ހަމައެއާކު މީރާގެ އަމާޒަކީ 'ފެސިލިޓޭޓިވް' މުއައްސަސާއެއްގެ ގޮތުގައި ޓެކްސްދައްކާ ފަރާތްތަކަށް ލުއި ފަސޭހަކާމާއެކު ޓެކުހުގެ އިލްތިޒާމް އަދާކުރެވޭ ޤާބިލް މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުންކަން ވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ތިން މަޢުޟޫއަކަށް މަޝްވަރާކޮށްފައިވެއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ޓެކްސްދައްކާ ފަރާތްތަކާއި މީރާއިން މުޢާމަލާތްކުރުމަށާއި މައުލޫމާތުފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތަކާއި، ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ޓެކްސް ދައްކާ ފަރާތްތަކުން ހޯދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޓެކްސްދެއްކުމުގެ މަސައްކަތް އިތުރަށް ލުއިފަސޭހަކުރުމާއި، މީރާ އާއި ސްޓޭކްހޯލްޑަރުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުންނެވެ.
މި މަޝްވަރާގައި ބައިވެރިން ހިއްސާކުރި މުހިއްމު ކަންތައްތަކުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތްތަކުގެ ތަޖުރިބާ އިތުރުކުރުމުގެ ދަށުން މީރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންއާ ބެހޭ ގޮތުން ޚިޔާލުފާޅުކޮށް، ވެބްސައިޓަށް ގެނެވޭނެ ބަދަލުތަކާއި ޓެކްސް ދައްކާ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބުދާރީވުމުގައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް ރަނގަޅު ކުރެވޭނެ ގޮތްތަކާއި، ޓެކްސް ދަރަނި ކުޑަކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ބައިވެރިން ޚިޔާލުފާޅުކޮށްފައިވެއެވެ.
"ގުޅިގެން މީރާ" އިނިޝިއޭޓިވްގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުންނާ އެކު މެދުނުކެނޑި މި ފަދަ އިތުރު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މީރާއިން ރާވާފައިވާކަން ވެސް އެ އޮތޯރިޓީއިން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް