ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރި ޝާދިޔާ ބަންދު ކުރީ ގޯހުން ކަމަށް މިއަދު ހައިކޯޓުން ހުކުމް ކޮށްފިއެވެ.
ރާއްޖޭގައި އިޒްރޭލުން ހިންގާ ގަތުލު އާއްމާއި ދެކޮޅަށް އަޑުއުފުލަމުން ދިޔަ އައިޝަތު ޝާދިޔާ އަދި ޝަޒްރާ އިބްރާހިމް ހައްޔަރުކޮށްފައިވަނީ މިދިޔަ އޮގްސްޓު މަހު ސުލްހަވެރި އަޑުއުފުލުމެއްގައި އުޅުއްވަނިކޮށެވެ.
މި ދެމީހުން ހައްޔަރު ކުރުމަށް ފުލުހުންގެ ބޮޑު ޓީމެއް ދިޔަ ކަމަށް ބަންދު ދޫކޮށްލި ފަހުން އެމީހުން ވަނީ ބުނެފައެވެ.
ފުލުހުން އެމީހުން ހައްޔަރުކުރީ ސުލްހަވެރިކަާއިއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ފަދަ އަމަލުތައް ކުރި ކަމުގެ ތުހުމަތުގައެވެ. އެމީހުން ބަންދުން ދޫކޮށްލީ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހުއެވެ.
އެމީހުން ބަންދުކުރުމާއި ގުޅިގެން ޝާދިޔާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގައި އެ ކޯޓުން ބުނީ ޝާދިޔާ ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރުމުގައި މުޖުތަމައަށް ނުރައްކާވާ ކަމަށް ވާސިލްވާ އެއްވެސް ގޮތެއް ސާފުނުވާ ކަމަށެވެ.
އަދި އޭނާގެ އަމަލުން މުޖުތަމައަށް ނުރައްކާވާ ގޮތެއްވެސް އެ ކޯޓު އަމުރުން ނޭނގޭކަމަށެވެ.
އެހެންކަމުން އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް ހައި ކޯޓުން ހުކުމް ކޮށްފައި ވެއެވެ. ހައި ކޯޓުން އެ ހުކުމް މިއަދު އިއްވީ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް