މާލެ ސިޓީ ކައުންސިލްގެ އެންމެ މުހިއްމު މަޤުޞަދަކީ އަޅާލާ އޯގަތެރި މުޖުތަމަޢެއް ބިނާކުރުން: މޭޔަރު އާޒިމް

މާލެ ސިޓީގެ އެންމެ މުހިއްމު މަޤުޞަދަކީ، އަޅާލާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުންކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ މާލެ ސީޓީގެ އަންހެނުންގެ ތަރަ...

08 Oct 2024 | 09:10

މާލެ ސިޓީގެ އެންމެ މުހިއްމު މަޤުޞަދަކީ، އަޅާލާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުންކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ މާލެ ސީޓީގެ އަންހެނުންގެ ތަރައްޤީއަށް ޓަކައި މަސައްކަތްކުރާ ކޮމިޓީން، މާލެ ސިޓީގެ ރައްޔިތުންގެ ޙާލު ބެލުމަށް ޓަކައި، ރައްޔިތުން ''ރައްޔިތުންނާ ގާތުން'' މި ތީމުގެ ދަށުން ކުރަން ފަށާސާވޭ ފައްޓަވައި ދެއްވުމަށް 8 އޮކްޓޫބަރ 2024 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވިދާޅުވީ، ކައުންސިލްތަކުން ރައްޔިތުން ގާތަށް ގޮސް، ރައްޔިތުންގެ ޙާލު ބެލުމަކީ ކޮންމެ ދުވަހަކު ވެސް ކުރަންޖެހޭނެ ކަމެއްކަމަށް، އެ މަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން މިއަދު މި ފަށާ ސާވޭގެ މަސައްކަތުގައި ރައްޔިތުން ދެއްވާ މަޢލޫމާތުން، އެކި ގޭ ބިސީތަކުގައި ދިރިއުޅުއްވާ އެކި ކަހަލަ އެހީތެރިކަމަށް ބޭނުންވާ ރައްޔިތުން ދެނެގަނެވޭނެކަމަށާއި، އޭގެ ސަބަބުން އެ ފަރާތްތަކަށް އެހީތެރިވެދިނުމަށް މާލެ ސިޓީކައުންސިލުން ކުރަން ޖެހޭ އަދި ކުރެވޭނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަނެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ، ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ މި ސާވޭގެ މަސައްކަތް، ކޮންމެ ހަފުތާއެއްގެ ހޮނިހިރު އާދީއްތަ ބުދަ މި 3 ދުވަހު ދެ ދަންފަޅީގައި އޮންނާނެއެވެ. މި މަސައްކަތުގައި މާލެ ސިޓީގައި ހިމެނޭ، 18 ދާއިރާ، 6 މަސް ދުވަހަށް ބާހާލައިގެން، ފަހަރަކު ދާއިރާއެއް ނިންމަމުންގޮސް، ހުރިހާ ދާއިރާއަކަށް އަންހެނުންގެ ކޮމެޓީގެ ބޭފުޅުން ޒިޔާރަތްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ސާވޭގެ މަޢުލޫމާތު އެއްކުރެވުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް، ފުރިހަމަ މަޢުލޫމާތު ދެއްވުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް