އީރާނުން މިދިޔަ އަންގާރަ ދުވަހު އިސްރާއީލަށް ދިން ހަމަލާތަކުގެ ރައްދު ހަމަލާއެއް އިސްރާއީލުން ސީދާ އީރާނަށް ދީފިނަމަ އީރާނުން ދޭ ރައްދު ހަމަލާ ވަކިން ވަރުގަދަވާނެކަމުގައި އީރާނުން ބުނެފިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ މިހެން ބުނެފައިވަނީ މިސްރުގެ ޚާރިޖީ ވަޒީރު ބަދްރް އަބްދެއްލަތީއާއި ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާއެއްގެ ތެރޭގައެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި އިސްރާއީލާއި ހަނގުރާމައެއް ފަށާކަށް އީރާނަކުން ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އިސްރާއީލުދެކެ އީރާނުން ބިރުގަނެ ޖެހިލުންވެ ފަސް ނުޖެހޭނެއެވެ. އީރާނުގެ ބިމަށް ހަމަލާ އަމާޒުވެއްޖެނަމަ ރައްދު ހަމަލާ ވަރުގަދައަށް ދޭނެއެވެ.
އީރާނުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އިސްރާއީލަށް ސީދާ އަމާޒުކޮށް ދިން ހަމަލާގައި 200 އަށްވުރެ ގިނަ މިސައިލު އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާފައިވެއެވެ.
އެ ހަމަލާ އިސްރާއީލަށް ދިނީ އީރާނުގެ ބިމުގައި ހުއްޓާ ހަމާސްގެ ލީޑަރު އަވަހާރަކޮށްލުމާއި އަދި އީރާނުން ވާގިވެރިވާ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު އަވަހާރަކޮށްލުމާއި އަދި އީރާނުގެ ޖެނެރަލަކު އަވަހާރަކޮށްލުމުން އެކަންކަމުގެ ރައްދެއްގެ ގޮތުންނެވެ.
އީރާނުން ދިން ހަމަލާގެ ރައްދު އީރާނަށް ދޭނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ވައުދުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް