މެދުއިރުމަތި: ޔަމަނާއި ލުބުނާނު ފަޅިން އިސްރާއީލަށް ހަމަލާތަކެއް !

ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު އިސްރާއީލުން ފަލަޞްޠީނުގެ ޣައްޒާއަށް ހަމަލާތަށް ދޭންފެށިތާ އިއްޔެ އަހަރެއް ފުރިފައިވާއިރު އިއްޔެއާއި ރޭގައި ޔަމަނާއި ލުބުނާނު ފަޅިން އިސްރ...

07 Oct 2024 | 22:07

ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު އިސްރާއީލުން ފަލަޞްޠީނުގެ ޣައްޒާއަށް ހަމަލާތަށް ދޭންފެށިތާ އިއްޔެ އަހަރެއް ފުރިފައިވާއިރު އިއްޔެއާއި ރޭގައި ޔަމަނާއި ލުބުނާނު ފަޅިން އިސްރާއީލަށް ގިނަ ހަމަލާތަކެއް އަމާޒުކޮށްފިއެވެ.

އެގޮތުން ޔަމަނުން "ސާފޭސް ޓު ސާފޭސް" މިސައިލް ހަމަލާއެއް އިސްރާއީލުގެ މެދުތެރޭ ހިސާބަކަށް އަމާޒުކުރިކަމަށް އިސްރާއީލުން ބުނެފައިވެއެވެ. އަދި އެ މިސައިލު މަތީގައިވަނިކޮށް ގޮއްވާލެވުނު ކަމަށްވެސް އިސްރާއީލުން ބުނެފައިވެއެވެ. ޔަމަނުން ހަމަލާތައް ދެމުން އަންނަނީ ހޫޠީންނެވެ.

އެ މިސައިލުގެ ބައެއް ވެއްޓި އަލިފާނުގެ ހާދިސާއެއް ހިނގި މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

ލުބުނާނު ފަޅިއަށް ބަލައިލާއިރު އިސްރާއީލުން ރޭގައި ބުނެފައިވަނީ އިސްރާއީލަށް އަމާޒުކޮށް ލުބުނާނުން އެކަނި 135 ރޮކެޓު ހަމަލާއެއް ފޮނުވާލި ކަމަށެވެ. އިސްރާއީލުން އަންނަނީ ހިޒްބުﷲ ޖަމާޢަށް ނައްތާލުމަށް ކަމަށްބުނެ ލުބުނާނަށްވެސް މިހާރު ގިނަ ހަމަލާތަކެއް ދެމުންނެވެ. ލުބުނާނު ފަޅިން ހަމަލާތައް ދެމުން އަންނަނީ ހިޒްބުﷲ ޖަމާއަތުންނެވެ.

އިސްރާއީލުގެ އެ ހަމަލާތަކުގައި މިހާތަނަށް ދެ ހާހަށްވުރެ ގިނަ މީހުން މަރުވެ ނުވަ ހާހަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ލުބުނާނުގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

އިސްރާއީލުގެ ބޮޑު އެއް ސިޓީ ކަމުގައިވާ ހައިފާއަށް އަމާޒުކޮށް ހިޒްބުﷲ އިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ރޮކެޓު ހަމަލާތަކެއް ދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އެއިން ފުރަތަމަ ހަމަލާތަކުގައި 10 މީހަކު ޒަޚަމްވިކަމަށް އިސްރާއީލުންވެސް ބުނެފައިވެއެވެ.

އިސްރާއީލުން އެކުއެކީގައިހެން ލުބުނާނާއި ފަލަޞްޠީނުގެ ޣައްޒާއަށް ހަމަލާތައް ދެމުން އަންނައިރު މެދުއިރުމަތީގައި މަސްރަޙް އިތުރަށް ގޯސްވެ ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. އެ ބިރު އިތުރަށް ބޮޑުވެފައިވަނީ އީރާނުން އެންމެ ފަހުން އިސްރާއީލަށް ހަމަލާތަކެއް ދިނުމާއެކު އިސްރާއީލުން ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ބުނެފައިވުމުންނެވެ. އަދި ހަމަލާ ދީފިނަމަ ދެން ދޭ ހަމަލާ އަދި ވަކިން ވަރުގަދަވާނެކަމުގައި އީރާނުންވެސް ބުނެފައިވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް