އިއްޔެއިން ފެށިގެން ފަލަސްތީނުގެ ދިފާއުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާއި އިޒްރޭލުގެ ފައުޖުތަކާއި ދެމެދު ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 659 އަށް އަދި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 380 އަށް އަރައިފިއެވެ.
މި އަދަދުތައް ދެކޮޅުންވެސް މައްޗަށް ދާއިރު މަސްރަހު އިތުރަށް ހޫނުވެގެންދާނެކަމުގައި ވަނީ ބެލެވިފައެވެ.
އެގޮތުން އިޒްރޭލުން ރަސްމީކޮށް މިއަދު ހަނގުރާމަ އިއުލާނުކޮށްފައިވާއިރު އީރާނުން ވަނީ ހަމާސް އާއި ހަމާސްގެ ބައިވެރިންނަށް ގުޅާ މަޝްވަރާތައް ކޮށްފައެވެ. އެ މަޝްވަރާތަކުގައި ފަލަސްތީނަށް ތާއީދުކުރާކަން އީރާނުން ތަކުރާރުކޮށް ވަނީ ފާހަގަކޮށްފައެވެ. އަދި ހަމަ އެހެންމެ ލުބުނާނާ ވީ ފަޅިންވެސް އިޒްރޭލަށް މިއަދު ވަނީ ހަމަލާތައް ދީފައެވެ.
އިއްޔެ ހެނދުނު 06:30 ހާއިރު ހަމާސް އިން ދިން ކުއްލި ބިޔަ ބޮޑު ހަމަލާއަށްފަހު އަދިވެސް ހަމާސްގެ ހަނގުރާމަވެރިންގެ އެތައް ހަނގުރާމަވެރިންނެއް އަންނަނީ ސީދާ އިޒްރޭލުގެ ބިމުގައި އިޒްރޭލުގެ ފައުޖުތަކާއި ހަނގުރާމަ ކުރަމުންނެވެ.
މި ހަމަލާތަކާއި ގުޅިގެން އިޒްރޭލުން ގާޒާއަށް އިންތިހާ ދަތިކުރުމުގެ ފިޔަވަޅުތައްވެސް ވަނީ އަޅާފައެވެ. އެގޮތުން ފެނާއި ކަރަންޓު ކަނޑާލާފައިވާއިރު ގާޒާ ދޫކޮށް ދިއުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ވަނީ އިންޒާރު ދީފައެވެ.
އެގޮތުން އޭނާ ބުނެފައިވަނީ ގާޒާ ދޫކޮށް ދަންޏާ ދާންވީ ކަމަށާއި ގާޒާ ހަނަފަސް ބިމަކަށް ހަދާލާނެ ކަމަށެވެ.
އެހެން ނަމަވެސް ހަމާސްގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން އިޒްރޭލު މިވަގުތު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އިޒްރޭލުގެ ދިފާއީ މައި މެކޭނިޒަމް ވަނީ ފެއިލްވެފައެވެ. ގަދަ ބާރުން ވަޒަންވެރިވެގަތް ބިންތަކަކީ ގާޒާއާއި ކައިރި ބިންތައް ކަމުން އެ ބިންތަކުން އިޒްރޭލު ރައްޔިތުން އަންނަނީ ބޭރު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް