ފަލަސްތީނުގެ ގާޒާއަކީ ހަނަފަސް ބިމަކަށް ހަދާލާނެކަމަށްބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދީފިއެވެ.
ނަތަންޔާހޫ މި އިންޒާރު މިއަދު ދީފައިވަނީ ފަލަސްތީނުގެ މުސްލިމުންގެ ދިފާއުގައި ހަނގުރާމަކުރަމުން އަންނަ ހަމާސް ޖަމާއަތުން އިއްޔެ އިޒްރޭލަށް ދިން ކުއްލި، ވަރުގަދަ ހަމަލާތަކަށްފަހު ރައްދު ހަމަލާތަކެއް އިޒްރޭލުންވެސް ދެމުން އަންނަ ދަނޑިވަޅެއްގައެވެ.
ނަތަންޔާހޫ ވަނީ ގާޒާގެ ރައްޔިތުން ސަލާމަތް ބޭނުންނަމަ އެ ފަސްގަނޑު ދޫކޮށް ދިއުމަށްވެސް އިންޒާރު ދީފައެވެ.
ނަތަންޔާހޫ މިފަދަ އިންޒާރެއް ދީފައިވާއިރު އިއްޔެއިން ފެށިގެން ހަމާސް އާއި ހަމާސް އަށް ވާގިވެރިވާ ހަނގުރާމަވެރިން ދެމުން އަންނަ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިހާރުވެސް ހަތް ސަރަހައްދެއްގައި ހަމަލާތައް ބަދަލުކުރެވެމުން އެބަ ދެއެވެ.
މީގެ އިތުރުން ލުބުނާނު ފަޅިން ހިޒްބުﷲ އިންވެސް ވަނީ އިޒްރޭލަށް އަމާޒުކޮށް މޯޓަރު ބަޑީގެ ހަމަލާތަކެއް ދީފައެވެ.
ބަދަލުކުރެވެމުން އަންނަ މި ހަމަލާތަކުގައި ފަލަސްތީނުން 250އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އިޒްރޭލުން މަރުވި މީހުންގެ އަދަދު ވަނީ 300 އިން މައްޗަށް ގޮސްފައެވެ. އަދި އިޒްރޭލުން މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 26 މީހަކު ހިމެނޭކަމަށްވެސް އިޒްރޭލުން ބުނެފައިވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިއީ ފާއިތުވި ދެތިން ދަހަރުތެރޭގައިވެސް އިޒްރޭލަށް ފަލަސްތީނުން އަމާޒުވި އެންމެ ވަރުގަދަ ހަމަލާތަކެވެ. މި ހަމަލާތަކުގައި އިޒްރޭލުގެ ޑިފެންސް މެކޭނިޒަމް ފެއިލްވެފައިވާއިރު ހަމާސްގެ ހަނގުރާމަވެރިން ވަނީ ވަޔާއި، ކަނޑާއި އެއްގަމު މަގުން އިޒްރޭލަށް ވަދެ އިޒްރޭލުގެ ތެރެއަށް ފެތުރިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް