ބަހްރެއިން ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު، ބަޙްރައިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަލާވެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފި އެވެ. ރައީސްގެ ދެ ކަނބަލުންގ...

08 Oct 2022 | 14:07

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު، ބަޙްރައިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަލާވެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސްގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ އެ ގައުމުގެ ރަސްގެފާނު، ޙަމަދު ބިން ޢީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިދިޔަ ބުރާސްފަތި ދުވަހު، ބަޙްރައިންގެ ޝާހީ ގަނޑުވަރު، ޤުޟައިބިއްޔާއިން، އެދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ބަޙްރައިންގެ ރަސްގެފާނު، ޙަމަދު ބިން ޢީސާ އަލް ޚަލީފާއެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސްވަނީ، ބަޙްރައިންގެ ރަސްގެފާނާއި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދީ، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައި މަޝްވަރާކުރެއްވިއެވެ. އަދި އެ ގައުމުގެ ރަސްގެފާނު ވަކިން ބައްދަލުކުރައްވައި، ރާއްޖެ އާއި ބަޙްރައިންގެ މެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން، އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭގޮތުން ރައީސާއި އިތުރަށް މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ބަޙްރައިނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ބުރާސްފަތި ދުވަހު ވަނީ ދިވެހިރާއްޖެ އާއި ބަޙްރައިން އާއި ދެމެދު 4 އެއްބަސްވުމެއް ބަދަލުކުރައްވައި، ދެޤައުމުގެ އިސްބޭފުޅުން މަޝްވަރާކުރައްވައި، ރާއްޖެ އާއި ބަޙްރައިންގެ ޚާރިޖީ ވަޒީރުން ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފްގައި ބަޙްރައިންގެ ރަސްގެފާނު ބޭއްވެވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބުދަ ދުވަހު ބަޙްރައިންގެ ވަލީއަޙްދު، ޑެޕިއުޓީ ސްޕްރީމް ކޮމާންޑަރ އަދި ބަޙްރައިންގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވާފައެވެ.

އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަޙްރައިން އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތްކުރައްވައި، ބަޙްރައިންގެ ބޮޑު ވަޒީރުގެ ނައިބު އަދި ބަޙްރައިން މުމްތަލަކަތް ހޯލްޑިންގ ކޮމްޕެނީގެ ޗެއަރމަން އާއި ބައްދަލު ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފްގައި، ބަޙްރައިންގެ ބޮޑުވަޒީރުގެ ނައިބު ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަޙްރައިން ޓެލެކޮމިއުނޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި، ރައިސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، އިންޓަރނެޓްގެ އަގު ހެޔޮކުރުމަކީ މިސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމެއްކަން ފާހަގަކުރައްވައި، އެލަނޑުދަނޑިއަށް ވާޞިލްވުމަށް އެކުންފުނީގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ، ބަޙްރައިންގެ ރަސްގެފާނުގެ އަނބިކަނބަލުން އަދި ބަަޙްރައިންގެ ސުޕްރީމް ކައުންސިލް އޮފް ވިމެންގެ ރައީސާ، އަމީރާ ސަބީކާ ބިންތު އިބްރާހީމް އަލް ޚަލީފާ އާއި ބައްދަލު ކުރައްވާފައެވެ. އަދި ބަޙްރައިންގެ ސުޕްރީމް ކައުންސިލް އޮފް ވިމެންގެ ޖެނެރަލް ސެކްރެޓަރީއާ ބައްދަލުކުރެއްވުމުގެ އިތުރުން އެކަމަނާ ވަނީ ހުކުރު ދުވަހު ހެނދުނު، ކިންގް ޙަމަދު ޔުނިވަރސިޓީ ހޮސްޕިޓަލަށާއި، ބަޙްރައިން އިންސްޓިޓިއުޓް ފޯރ ޕަރލްސް އެންޑް ޖެމްސްޓޯންސްއަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ބަޙްރައިންގެ ޤައުމީ ދާރުލް އާޘާރަށާއި، ބައިތު އަލް ޤުރުއާން ފެސިލިޓީއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙުމަދު ބަހްރައިނަށް ކުރެއްވި މިފުރަމާނަ ދަތުރުފުޅަކީ، މިހާތަނަށް ރާއްޖޭގެ އެންމެ އިސްވެރިއަކު އެޤައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް