ކެރީބިއަންގެ ގައުމެއް ކަމަށްވާ ހެއިޓީއަށް ބާރުގަދަ ގޭންގަކުން ވެރިވެ ގަތުމުން ބައިނަލްއަުވާމީ އަސްކަރީ އެހީއަށް އެދިއްޖެ އެވެ.
އެގައުމުގެ ބޮޑުވަޒީރު އެރިއެލް ހެންޑްރީ ވިދާޅުވީ ގައުމުތަކުގެ އެހީއަށް އެދުނީ ސަރުކާރުގެ ހުއްދަ އާއި އެކު ކަމަށެވެ. ހެއިޓީއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިއާއިން އަރައިގަތމަށް އަސްކަރީ އެހީ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އދ. ގެ ކަމާ ބެހޭ އިދާރާތަކުން ބުނީ ހެއިޓީގެ އެފަދަ ރިކުއެސްޓެއް ރަސްމީކޮށް އަދި ލިބިފައި ނުވާ ކަމަށެވެ. އެކަމަކު ހެއިޓީއަށް ދިމާވެފައިވާ ހާލަތާއި މެދު ކަންބޮޑުވެ އެޅޭނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.
ހެއިޓީގެ ހާލަތު ގޯސްވަމުން ދާނީ އެމެރިކާއިން ވަނީ އެ ގައުމުގައި ތިބި އެމެރިކާގެ ރައްޔިތުން ވީހާވެސް އަވަހަށް ގައުމު ދޫކޮށް ދިއުމަށް އަންގާފައި އެވެ. އަދި ހެއިޓީއަށް ބޭނުންވާ އެހީތެރިކަން އެމެރިކާ ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވާއިރު އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.
ހެއިޓީގައި އަތް ގަދަ ކުރަމުންދާ ބާރުގަދަ ގޭންގުން ވަނީ ބޮޑެތި ސިޓީތަކުގެ ޕެޓްރޯލް ޝެޑްތައް ބަންދުކޮށް، ކާބޯތަކެއްޗާއި ފެނާއި ކަރަންޓު ފޯރުކޮށްދިނުމަށް ހުރަސް އަޅައި ބައެއް ސަރަހައްދުތަކުން އެ ހިދުމަތްތައް ދިނުން ހުއްޓުވާފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ގޭންގުގެ ފަހަތުގައި ތިބީ ނުވަތަ ފަންޑު ކުރަނީ ކޮން ބައެއް ކަމެއް އަދި ހޯދިފައެއް ނުވެ އެވެ. އެކަމަކު މި ގޭންގު އެ ގައުމަށް އަތް ގަދަ ކުރަން ފެށީ މިދިޔަ މަހު ތަލަށް ދެމުން ދިޔަ ސަބްސިޑީ ސަރުކާރުން ކަނޑާލުމުންނެވެ.
އޭގެ ފަހުން ރައްޔިތުންގެ ތެރެއިންނާއި ވިޔަފާރި ކުންފުނިތަކުން ވަނީ ތެލުގެ އަގު ބޮޑުވެގެން މުޒާހަރާތައް ފަށާފައި އެވެ. އަދި ފިހާރަތައް ލޫޓުވުމާއި އާންމުންގެ ގެތަކުން ލޫޓުވުންވެސް ވަނީ އިތުރުވެފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ހެއިޓީއަށް ގޭންގަކުން ބާރުގަދަ ކުރަން ފަށާފައި މިވަނީ އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތައް އެ ގައުމުން ފޭބިތާ ފަސް އަހަރު ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް