އިނގުރައިދޫގެ ތަރައްގީއަށް ބޭނުންވާ ކަންކަން ނައިބު ރައީސް އާ ހިއްސާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރ. އިނގުރައިދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތ...

08 Oct 2022 | 07:13

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރ. އިނގުރައިދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި އ.ތ.މ. ކޮމެޓީއާ އަދި މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަމާއި ކުރިމަތިވާ ބައެއް ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން، މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކައުންސިލު އިދާރާގެ އިމާރާތާއި ސްކޫލާއި އިންޖީނުގޭގެ އޮފީސް އިމާރާތުގެ ޖާގައިގެ ދަތިކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ހެލްތް ސެންޓަރުގެ އެކްޓެންޝަން އިމާރާތުގެ މަސައްކަތް އަވަސްކުރުމަށް ބޭނުންވާކަމާއި ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކާއި ރަށުގެ މުޖުތަމަޢުގައި ހުރި އިޖުތިމާޢީ ބައެއް މައްސަލަތައް ވެސް މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު އިނގުރައިދުއަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަރުކާރުން އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ރަށްރަށުގެ ޙާލަތު ގާތުން ބައްލަވައި އެރަށެއްގެ ރައްޔިތުން އެންމެ އެދޭގޮތަށް އެރަށެއްގެ ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވަން ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބައެއް ކަންކަމަކީ މިހާރު އެކި މަރުހަލާގައި ކުރިޔަށްދާ މަޝްރޫޢުތައްކަން ފާހަގަކުރައްވައި އެ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރެއްވި އެވެ. އަދި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ އެ ކޮމެޓީން ރަށުގެ އަންހެނުންނަށް އަމާޒުކޮށް ޕްރޮގްރާމްތައް ހިންގުމަށް ކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދެވޭނެ ތަނެއްގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިނގުރައިދޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި ޞިއްޙީ މަރުކަޒުގެ ޙާލަތު ބައްލަވާލައްވައި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާ މަޝްވަރާކުރައްވާފަ އެވެ. އަދި އިނގުރައިދޫ ސްކޫލުގެ އަހަރީ ސްކައުޓް ކޭމްޕް ކުރިޔަށްދާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި ކޭމްޕުގައި ބައިވެރިވާ ދަރިވަރުންނާ ބައްދަލުކުރައްވާފަ އެވެ.

ކައުންސިލާއި އ.ތ.މ ކޮމެޓީއާ މުއައްސަސާތަކާ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލް އިދާރާ ބައްލަވާލައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް