ހުރިހާ ފޯނެއް އެއްވައްތަރެއްގެ ޗާޖަރަކުން ޗާޖު ކުރެވޭ ގޮތް ހަދަން މަޖުބޫރުވާ ގޮތަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޕާލަމެންޓުން ގާނޫނެއް ފާސްކޮށްފި އެވެ.
މި ގާނޫނަށް ޔޫރަޕްގެ ގައުމުތަކުގައި އަމަލު ކުރަން ފަށަން ޖެހޭނީ 2024 ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ފޯނުގެ އިތުރުން މި ލިސްޓުގައި ޓެބްލެޓާއި ކެމެރާފަދަ އިލެކްޓްރޯނިކް ސާމާނުވެސް ހިމެނެ އެވެ.
ޕާލަމެންޓުން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ އަންނަ އަހަރުން ފެށިގެން ޔޫރަޕްގައި ބޭނުން ކުރަން ޖެހޭނީ ސީޕޯޓު ޗާޖަރު ކަމަށެވެ.
މިގޮތަށް ނިންމީ ދިރާސާއެއް ކުރުމަށް ފަހު ކަމަށް އީޔޫ ޕާލަމެންޓުން ބުނެފައި އެވެ. އެ ދިރާސާ ދައްކާގޮތުން ކޮންމެ އިލެކްޓްރޯލިކް ވަސީލަތްތަކަށް ވަކި ވަކި ޗާޖަރެއް ގެންގުޅުމަށްވުރެ އެއް މޮޑެލްއެއްގެ ޗާޖަރެއް ބޭނުން ކުރުމުން 247.3 މިލިއަން އެމެރިކާ ޑޮލަރު ސަލާމަތް ކުރެވެ އެވެ.
އީޔޫ ޕާލަމެންޓުގެ މި ނިންމުމާއި އެކު އެންމެ ބޮޑު އަސަރެއް ކުރާނީ އެޕަލްގެ ވިޔަފާރި އަށެވެ. އެ ކުންފުނީގެ ޓެބްލެޓާއި ފޯނު ތަކުގައި ބޭނުން ކުރަމުންދަނީ ތަފާތު ޗާޖަރުތަކެއް ކަމުން އަބަދުވެސް އެމީހުން ދަނީ ސީޕޯޓު ޗާޖަރު ބޭނުން ކުރަން ފެށުމާއި ދެކޮޅު ހަދަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެޕަލްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ އައިފޯން 14 މާކެޓް ކުރުން ޔޫރަޕްގައި ވަރަށް ބާރު ސްޕީޑުގައި ކުރިޔަށް ގެންދާއިރު މި މަސައްކަތަކަށް މި ގާނޫނުގެ ސަބަބުން އަސަރު ކުރާނެ އެވެ. އަދި ޗާޖަރު ބަދަލު ކުރުން ނޫން ގޮތެއް އެޕަލްއަށް ނޯންނާނެ ކަމަށް ބުނެފައިވެ އެވެ.
ދިރާސާތައް ދައްކާގޮތުން ޔޫރަޕްގެ ގައުމުތަކުގައި ސީޕޯޓު ޗާޖަރު ބޭނުން ކުރަނީ 29 ޕަސެންޓު މީހުންނެވެ. އެޕަލް ފޯނުތަކާއި ޓެބްލެޓުތުތަކަށް ހާއްސަ ޗާޖަރު 21 ޕަސެންޓު މީހުން ގެންގުޅެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް