އީރާން އަންހެނުންނަށް ތާއީދު ކުރަން، ބެލްޖިއަމްގެ ފޮރިން މިނިސްޓަރު އިސްތަށިގަނޑު ބުރިކޮށްލައިފި

އީރާން ސަރުކާރާއި ދެކޮޅަށް ކުރިޔަށް ދާ ވަރުގަދަ މުޒާހަރާތަކަށް ތާއީދު ކުރުމުގެ ގޮތުން ޔޫރަޕްގެ ގައުމެއް ކަމަށްވާ ބެލްޖިއަމް ފޮރިން މިނިސްޓަރު ހަދްޖާ ލަހަބީބް އިސްތަށިގަނޑު ބުރިކޮށްލައިފި އެވެ. އަންހެނ...

08 Oct 2022 | 04:57

އީރާން ސަރުކާރާއި ދެކޮޅަށް ކުރިޔަށް ދާ ވަރުގަދަ މުޒާހަރާތަކަށް ތާއީދު ކުރުމުގެ ގޮތުން ޔޫރަޕްގެ ގައުމެއް ކަމަށްވާ ބެލްޖިއަމް ފޮރިން މިނިސްޓަރު ހަދްޖާ ލަހަބީބް އިސްތަށިގަނޑު ބުރިކޮށްލައިފި އެވެ.

އަންހެނުންގެ ބުރުގާ އެޅުމުގެ ގަވައިދާ ދެކޮޅަށް އީރާނުގައި މުޒާހާރާ ކުރާތާ މަހެއް ވާން ކައިރިވެފައިވާއިރު ދުނިޔޭގެ އެހެން ގައުމުތަކުގައި ދިރިއުޅޭ އީރާން ރައްޔިތުންވެސް ވަނީ އީރާން ސަރުކާރާއި ދެކޮޅަށް އެ ގައުމުތަކުގައި މުޒާހަރާ ކުރަން ފަށާފައި އެވެ. ބައެއް ގައުމުތަކުން ވަނީ އީރާން ސަރުކާރަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އެވެ.

މުޒާހަރާތައް ފެށުނީ އީރާންގެ ވެރިރަށް ތެހެރާންގެ މަގުމަތީގައި އެއްކޮށް ބޯނިވާ ނުކޮށް ބުރުގާ އަޅައިގެން އުޅުނު މަހްސާ އަމީނީ ކިޔާ 22 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓަ މަރުވުމާއި ގުޅިގެންނެވެ. އޭނާ މަރުވީ ހައްޔަރު ކުރި ދުވަހު ދެގަޑިއިރެއްހާއިރު ތެރޭގައި ސްޓްރޯކެއް ޖެހި ކޯމާއަކަށް ދިއުމަށް ފަހު ދެ ދުވަސް ފަހުންނެވެ.

މި މަރާއި ގުޅިގެން އީރާން ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާ މީހުން ބުނީ އޭނާ މަރުވީ ފުލުހުން ކުރި އަނިޔާތަކާއި ގުޅިގެން ކަމަށެވެ. އެކަމަކު ސަރުކާރުން ބުނީ އޭނާއަށް ފުލުހުން އެއްވެސް އަނިޔާއެއް ކުރިކަމުގެ ހެއްކެއް ނެތް ކަމަށެވެ.

މި މުޒާހަރާތަކަށް ހިތްވަރު ދިނުމުގެ ގޮތުން ބެލްޖިއަމްގެ ފޮރިން މިނިސްޓަރުގެ އިތުރުން އަންހެން ދެ މަޖިލީސް މެންބަރަކުވެސް ވަނީ އިސްތަށިގަނޑު ބުރިކޮށްލާފައި އެވެ. އޭގެ ތެރެއިން އީރާނަށް އުފަން ދަރްޔާ ސަފާއީ މަޖިލީހުގައި ބަހުސް ކުރަމުން ބުނެފައިވަނީ ބެލްޖިއަމްއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އެ ދެ އަންހެން މެންބަރުންވެސް ވަނީ އީރާނުގައު މުޒާހަރާ ކުރުމަށް ފުރުސަތު ދޭން ޖެހޭ ކަމަށް ބުނެފައި އެވެ. އަދި އާންމު ތަންތަނުގައި ބުރުގާ ނާޅާ އަންހެނުންނާއި ދެކޮޅަށް ބާރުގެ ބޭނުން ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

މަޖިލީހުގައި ކުރިޔަށް ދިޔަ ޖަލްސާގައި އިސްތަށިގަނޑު ބުރިކޮށްލުމަށް ފަހު ވާހަކަ ދައްކަމުން ބެލްޖިއަމްގެ ފޮރިން މިނިސްޓަރު ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ގުޅިގެން އީރާނާއި ދެކޮޅަށް އެޅޭނެ ފިޔަވަޅަކައި ބެހޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މަހްސާގެ މަރާއި ގުޅިގެން އީރާނުގައި ކުރަމުންދާ މުޒާހަރާތަކުގައި 50 އަށްވުރެ ގިނަ މީހުން ވަނީ ސަލާމާތީ ބާރުތަކުގެ ހަމަލާތަކުގައި މަރުވެފައި އެވެ. އަދި އެތައް ސަތޭކަބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް