ސާފް ޗެމްޕިއަންޝިޕް 2021 ގައި ރޭ ކުޅުނީ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އެވެ. ފޯރިގަދަ، ބަލާހިތްވާ މެޗެކެވެ.
މި މެޗަށް ރާއްޖެ ނުކުތީ އެޓީމު ކުޅުނު ފުރަތަމަ މެޗުން ނޭޕާލު އަތުން ބަލިވެފައިވާތީ، މޮޅުވުން ނޫން އެހެންގޮތެއް ނެތްކަން ދަނެގެން ނެވެ. ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށް ރޭގެ މެޗަކީ ރާއްޖެއަށް "މަރުގެ" މެޗެކެވެ.
ނަމަވެސް ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާ އާ ވާދަކޮށް މޮޅުވެފައިވާތީ އެޓީމަށް މި މެޗު އެެއްވަރުކޮށްލުމުން ވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބޭނެ އެެވެ. އެކަމަކު ކޮންމެ ޓީމެއް ވެސް ބޭނުންވާނީ މެޗުން މޮޅުވާން ކަމަށް ވާތީ، ރޭގެ މެޗުގައި ވެސް ބަންގްލަދޭޝް ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް މަސައްކަތްތެރިން އުޅޭތީ އާއެކު، ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި އެޓީމުގެ ސަޕޯޓަރުންގެ އަޑު ވެސް ވަކި މަޑެއް ނޫނެވެ. ކުލެމުން ދިޔައީ ވަރަށް "ފިޒިކަލް ފުޓްބޯޅަ" އެކެވެ.
ދިވެހި ޓީމުން މެޗު ޑޮމިނޭޓް ކޮށްގެން ކުޅެމުންދިޔަޔަސް، ބަންގްލަދޭޝްގެ ގޯލަށް ބޯޅަ ވައްދާލާ ސްކޯ ކުރެވޭގޮތް ދިވެހި ފޯވަރޑުންނަށް ވަނީ ނުވެފަ އެވެ.
ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނަސް މެޗުގެ 54 ވަނަ މިނެޓު ވެގެންދިޔައީ ބަންގްލަދޭޝްގެ ޓީމަށާއި ސަޕޯޓަރުންނަށް މާޔޫސްކަން ގެނުވި ވަގުތަކަށެވެ.
އާދެ. ރާއްޖޭގެ ފުރަތަމަ ގޯލު، އޭދަފުއްޓަށް އުފަން، ޒުވާން ހަލުވި ފޯވަރޑު ޖަހައިދިނީ އެވެ. މުޅި ދަނޑު ދިވެހި ސަޕޯޓަރުންގެ ހަޅޭކުންނާއި ޖޯޝާއި ފޯރިން ކެކިގަތް އިރު، ގޭގޭ ގެ ސިޓިންގ ރޫމުތަކުންނާއި ބޮޑު ސްކްރީނުންނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މެޗު ބަލަމުން ދިޔަ އެންމެހައި ދިވެހިން ވެސް އުތުރިއަރައިގަތެވެ. އުފަލުން ނެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމުން ފުރަތަމަ 3 ޕޮއިންޓު ލިބޭނޭކަމުގެ އުއްމީދުގަ އެވެ.
މި ލަނޑަށް ފަހު ދިވެހި ޓީމުން އިތުރަށް ކުޅުން ވަރުގަދަކޮށް 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރާއްޖެއިން ދެލަނޑުގެ ފަރަގެއް ހޯދުން ވެގެން ދިޔައީ ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް އިތުރު މާޔޫސްކަމެއް ގެނުވި ކަމަކަށެވެ. ރާއްޖެއިން ޖެހި 2 ވަނަ ގޯލު ޖަހައިދިނީ ސަރަހައްދީ ޑިފެންޑަރުން ވެސް އެމީހަަކަށް އެންމެ ޖެހިލުންވާ ފޯވަރޑް އަލީ އަޝްފާގު (ދަގަނޑޭ ނުވަތަ މޭން އިން ސްޓީލް) އެވެ.
ރޭގެ މެޗުން 0-2 ލަނޑުން ރާއްޖެ މޮޅުވުމުން ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ލިބުނު މާޔޫސްކަމުގެ ބަދަލުގައި އެމީހުން ދެއްކީ ހިނިތުންވުމާއި އުފާވެރިކަމެވެ. ދަނޑުން ނުކުމެގެން ދިޔައީ އުފަލުން ބެރުޖަހާ، ލަވަ ކިޔަމުން ނެވެ.
އެމީހުން ބުނީ ރާއްޖެ މޮޅުވުމަކީ "ހަމަ ބަންގްލަދޭޝް" މޮޅުވުން ކަމަށެވެ. އެމީހުންގެ ދެވަނަ ގައުމަކީ ރާއްޖެ ކަމަށެވެ.
އެހެންވީމާ އަމިއްލަ ގައުމު ބަލިވިޔަސް އެދެއްކީ ރިވެތި ނަމޫނާ އެއްކަން ޔަގީނެވެ.
https://twitter.com/Dhonkolhu/status/1446177460341469184?t=HSiAn1BxK9T9XeWus6LZbg&s=19
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް