އެމްއެންޕީ އުފެއްދުމަށް ބާއްވާ އިންތިޚާބު ފަށައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމަށް ބާއްވާ އިންތިޚާބު ފަށައިގެން ކުރިއަށް އެބަދެ އެވެ. އެ ޕާޓީގެ އިންތިޚާބުގެ ފުރަތަމަ ދަންފަޅި ކުރިއަށްދާނީ މެންދުރުފަހު 2 އިން 6 އަށެވެ. އަދި ދެވަނަ ދަ...

08 Oct 2021 | 12:01

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމަށް ބާއްވާ އިންތިޚާބު ފަށައިގެން ކުރިއަށް އެބަދެ އެވެ.

އެ ޕާޓީގެ އިންތިޚާބުގެ ފުރަތަމަ ދަންފަޅި ކުރިއަށްދާނީ މެންދުރުފަހު 2 އިން 6 އަށެވެ. އަދި ދެވަނަ ދަންފަޅި ކުރިއަށްދާނީ ރޭގަނޑު 9 ން ފެށިގެން ނެވެ.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ހޯލުގައި ބާއްވާ މި އިންތިޚާބާއި ގުޅޭގޮތުން އެ ޕާޓީން ކުރިން ބުނެފައިވަނީ އިންތިޚާބުގައި ބޭނުންކުރާނީ ކިއޮސްކް އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމެއް ކަމަށެވެ.

އެ ޕާޓީން ބުނެފައިވަނީ ފުރަތަމަ ދަންފަޅީގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނުން ލާޒިމުކުރާ ކަންކަމުގެ ތެރެއިން ޕާޓީގެ ނަމާއި ލޯގޯ އާއި ކުލަ އާއި ދިދަ އަދި އަސާސީ ޤަވާޢިދު ފާސްކުރުމާއި އިންޓަރިމް އެގްޒެކެޓިވް ކައުންސިލްގެ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުން އޮންނާނެ ކަމަށެވެ.

ދެވަނަ ދަންފަޅީގައި ކުރިއަށްއ ދާނީ ބައްދަލުވުމުގެ އެހެނިހެން ކަންކަމާއި އިސް މަޤާމުތަކަށް އިންތިޚާބުވީ ފަރާތްތަކުގެ ވާހަކަފުޅު ދެއްކެވުން ކަމަށް އެ ޕާޓީން ބުނެ އެވެ.

އެ ޕާޓީގެ މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ކުރިޔަށްދާ ވޯޓުލުމުގެ މަރުޙަލާގައި ކިއޮސްކް އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމެއް ބޭނުންކުރާނެ ކަމަށް ބުނެފައިވާ އިރު، މިއީ އިލެކްޓްރޯނިކް ސިސްޓަމެއް ބޭނުންކޮށްގެން ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ އިންތިޚާބެވެ.

އެޕާޓީގެ ރައީސްގެ މަގާމަށާއި ހަ ނައިބު ރައީސުންގެ ތެރެއިން ހަތަރު މަގާމަށް އިންތިޚާބަކާއިނުލާ ވަނީ ބޭފުޅުން ހޮވިފަ އެވެ.

އެގޮތުން ރައީސްގެ މަގާމަށް ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާރނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ހޮވިވަޑަގެންފައިވާ އިރު، ތިމަރަފުށީ ދާއިރާ މެންބަރު އަބްދުﷲ ރިޔާޒު އާއި ވިލިމާލެ ދާއިރާ މެންބަރު އަހުމަދު އުޝާމް ވަނީ ނައިބު ރައީސް ކަމަށް ހޮވިވަޑައިގެންފަ އެވެ.

ރިޔާޒު ހޮވިވަޑައިގެންނެވީ މެދު ދެކުނު ސަރަހައްދުގެ ނައިބު ރައީސްގެ މަގާމަށެވެ. އަދި އުޝާމް ހޮވިވަޑައިގެންނެވީ މެދު ސަރަހައްދުގެ ނައިބު ރައީސްގެ މަގާމަށެވެ.

މީގެ އިތުރުން ދެކުނު ސަރަހައްދުގެ ނައިބު ރައީސް ކަމަށް އަހުމަދު ޝަރީފު އާއި އުތުރު ސަރަހައްދު ނައިބު ރައީސް ކަމަށް ހުސެއިން އިސްމާއިލް ވެސް ވަނީ ހޮވިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް