ރާއްޖެއިން ކޯވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި މިހުން އިނގިރޭސިވިލާތަށް ގޮސް ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިކަން ހާމަ ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރަން ރޮސްލާ އެވެ. ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވެކްސިން ކާޑާ އެކު އެ ގައުމަށްދާ ނަމަ، ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ރާއްޖޭގައި ހުންނަ ބްރިޓިޝް ހައި ކޮމިޝަނުން ބުނި ގޮތުގައި މި ގެނައި ބަދަލާ އެއްގޮތަށް އަމަލުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުގެ ފަތިހު 4:00 ގައި އެވެ. އޭގެ ފަހުން ރާއްޖެއިން ވެކްސިން ފުރިހަމަކުރާ މީހުން އެގައުމަށް ގޮސް ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.
ސަފީރުގެ ޓުވީޓުގައި ވިދާޅުވީ ރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމްގައި ހިމެނޭ ވެކްސިންތައް ޖަހާފައިވާ މީހުންނަށް އަލަށް ހަމަޖެއްސި ލުއި ލިބޭނެ ކަމަށެވެ. އެހެން ވިދާޅުވެ ކުރެއްވި ޓުވީޓުގައި ފާހަގަ ކުރައްވާފައިވަނީ ފައިޒާ ވެކްސިން، އެސްޓްރަޒެނިކާ ވެކްސިން އަދި ކޮވިޝީލްޑް ވެކްސިނެވެ.
އޭގެ ތެރޭގައި ރާއްޖެއިން ގިނަ ބަޔަކު ޖެހި ސިނޯފާމް ވެކްސިނެއް ނުހިމެނެ އެވެ. އަދި އެކަމަކުގައި އަމަލު ކުރާނެ ގޮތާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
https://twitter.com/caron_rohsler/status/1446170632731996162
ކޯވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްކުރަން، އިނގިރޭސިވިލާތުން އެކުލަަވައިލި ރެޑް ލިސްޓުގައި ރާއްޖެ އޮންނަތާ ހަތަރު މަސް ފަހުން އެ ލިސްޓުން ރާއްޖެ ނެގީ މިދިޔަ މަހުގެ މެދު ތެރޭގަ އެވެ. މިހާރު ރާއްޖެއަށް އަންނަ އިނގިރޭސިވިލާތުގެ ޓޫރިސްޓުން އެނބުރި ގައުމަށް ގޮސް ހޮޓާތަކުގައި ކަރަންޓީންވުމުގެ ބަދަލުގައި ގޭގައި ކަރަންޓީނުވެވޭނެ އެވެ.
އެ ގައުމުން ގަބޫލުކުރާ ވެކްސިނެއް ފުރިހަމަކޮށްފައިވާ ނަމަ ޕީސީއާރް ޓެސްޓް ހަދަންވެސް ނުޖެހޭއިރު މިފަހަރު މިދިން ލުޔާއި އެކު އެ ލިސްޓުގައި ރާއްޖެ ހިމެނުނީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް