ގެ ކުއްޔަށް ދިނުމަކީ ކިހާވަރެއްގެ ބޮލުގަ ރިހުމެއްކަން މިހާރު އެނގިއްޖެ ކަމަށް ބޮލީވުޑްގެ ކާމިޔާބު ބަތަލު ސައިފް އަލީ ހާން ބުނެފި އެވެ.
ސައިފް އާއި އަންހެނުން ކަރީނާ ކަޕޫރު ކުރިން ދިރިއުޅުނު ގެ ދޫކޮށްލައި އާ ގެއަކަށް މިއަހަރު ކުރީ ކޮޅު ބަދަލުވީ ދެ ވަނަ ދަރިފުޅު ޖެހަންގިރް އަލީ ހާން (ޖޭ) ވިހަން ކައިރިވުމުންނެވެ. ކުރިން ދިރިއުޅުނު ގެ އެމީހުން ކުއްޔަށް ދިނީ މީގެ ދެތިން މަސް ކުރިންނެވެ.
މި ހަފްތާގެ "ދި ކަޕިލް ޝަރްމާ ޝޯ" ގެ ޕްރޮގްރާމެއްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެގެން ދެކެވުނު ވާހަކައެއްގައި ސައިފް ވަނީ ގެ ކުއްޔަށް ދިނުމުން ކުއްޔަށް ހިފާ ފަރާތުގެ އުނދަގޫ ޖެހޭ ވަރާއި ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ.
ސައިފް ބުނީ ކޮންމެސް މައްސަލައެއް އުޅޭތި ގެ ކުއްޔަށް ހިފައިގެން އުޅޭ ފަރާތުން ކޮންމެ ދުވަހަކުހެން ގުޅާ ކަމަށެވެ. އެއް ފަހަރު އޭސީ ހަލާކުވެގެން، އަނެއް ފަހަރު ކޮންމެސް ތަނެއްގައި ލީކެއް އުޅޭތި ގުޅާފާނެ ކަމަށް ސައިފް ބުންޏެވެ. އެހެންވެ ގެ ކުއްޔަށް ދިނުމުގެ ހުރި ބޮލުގަ ރިހުން މިހާރު އެނގޭ ކަމަށް ބުންޏެވެ.
ސައިފް ބުނީ އެ މައްސަލަތައް ހައްލު ކުރަން މިދިޔަ މަސްތަކުގައި މީހުން ހޯދައި މަސައްކަތް ކުރުވުމުގައި އިސްކޮށް އުޅުނީ އޭނާ ކަމަށެވެ. އެކަމަކު އެކަމަށް ހުއްޓުމެއް ނައުމުން އެ ގޭގެ ކަންކަން ހަމަޖައްސަން މިހާރު މެނޭޖަރެއް ހަމަޖައްސައި ވަޒީފާ ދީފައިވާ ކަމަށް ބުންޏެވެ.
އިންޑިއާގެ މުމްބާއީގެ އެންމެ އަގުބޮޑު ހިސާބު ކަމަށްވާ ބަންދްރާގައި ހުންނަ ސައިފާއި ކަރީނާ ކުރިން އުޅުނު ގެ ކުއްޔަށް ހިފައިގެން އުޅެނީ ގިލްޓީ ބައި އެސޯސިއޭޝަން މީޑިއާ އެލްއެލްޕީ އިންނެވެ. އެ ގެ މިއަހަރު ނިމެންދެން ކުއްޔަށް ދީފައިވަނީ މަހަކު 3.5 ލައްކަ އިންޑިއަން ރުޕީސް އަށެވެ.
ތިން އަހަރަށް ކުއްޔަށް ދީފައިވާ އެގެއަށް އަންނަ އަހަރު މަހަކު ދައްކަން ޖެހެނީ 3.67 ލައްކަ ރުޕީސް އެވެ. އަދި ޖެހިގެން އަންނަ އަހަރު 3.87 ލައްކަ ރުޕީސް މަހަކު ދައްކަން ޖެހެ އެވެ.
އެ ގެއަކީ 1،500 އަކަފޫޓުގެ ގެއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް