ހެޔޮބަހަކީ ރަނގަޅު ގަހަކުން ނުކުންނަ ފައިދާ ހުރި މޭވާއެއް ކަމަށާއި އެއީ ހިނިތުންވުން ގެނެސްދޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ބުނެފި އެވެ.
ޚުތުބާގައި ބުނީ ހެޔޮބަސް ބުނެ އުޅުމަކީ ވާހަކަދައްކާ މީހާގެ ޝަޚްޞިއްޔަތު އަންގައިދޭ ކަމެއް ކަމަށެވެ. އަދި އެއީ އޭނާގެ ފޭރާން ކަމަށާއި މީސްތަކުންގެ ހިތްތައް ހުޅުވައިދޭ ތަޅުދަނޑި ކަމަށް ވެސް ބުނެފައި ވެއެވެ.
ހެޔޮބަހަކީ ސަދަގާތެއް ކަމަށާއި އެއީ މުޖުތަމައަށް އޭގެ ހެޔޮއަސަރު ކުރާލެއް ބޮޑުކަމުން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
"ހެޔޮބަހެއް ބުނުމަކީ ބޮޑުހޭދައެއް ކުރަންޖެހޭ ކަމެއް ނޫން. އޭގައި ހިމެނެނީ އެބަސް ބުނާ މީހާއަށާއި އަޑުއަހާ މީހާއަށް މަންފާއާ ލާބަ. އެ ބަހުގައި ފުރައްސާރަ ކުރުމެއް، ނެތިމޮށުމެއް، ހުތުރުއެއްޗެހި ކިޔުމެއް ނުހިމެނޭ." ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ހެޔޮބަހަކީ މާތްﷲ ހަނދުމަކުރުމާއި ތަހްލިލާއި ތަހްމީދާއި ތަސްބީހަ ކިޔުން ކަމަށާއި އެއީ ފައިދާ ކުރަނިވި ޢިލްމެއް ފެތުރުމާއި ހެޔޮކަންތަކަށް ޢަމަލު ކުރުމާއި މުންކަރާތްތައް ނަހީކުރުން ކަމަށެވެ.
"އެއީ މިސްތަކުންނަށް ނަސޭހަތް ދިނުމާއި ސީދާމަގަށް މަގު ދެއްކުން. ހެޔޮބަހަކީ ހެޔޮ ގަހެއްފަދަ އެއްޗެއް. އެގަހުގެ ހިޔާ ބޮޑު. އެގަހުގެ މަންޒަރު ރީތި. އެގަހުގެ ވަސް މީރު. އެގަހުގެ މޭވާ ފޮނި. އެގަހުގެ ފައިދާ ގިނަގުނަ. މޫތައް ވަރުގަދަ. އެއީ އަބަދުވެސް މަތިވަރު ރަނގަޅު ގަހެއް." ޚުތުބާގައި ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް