ފަގީރުންނާއި ވަޒީފާ ނެތް މީހުން ކުއްލިއަކަށް އިތުރުވެ އަފްގާނިސްތާނުގެ ރައްޔިތުންގެ ތެރެއިން ބަނޑުހައި ހޫނުކަމުގައި އުޅެން ޖެހިފައިވާ މީހުން ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.
ޔޫއެންޑީޕީން ލަފާ ކުރާގޮތުގައި އަފްގާނިސްތާނުގެ ސިޔާސީ މަޝްރަހަށް އައި ކުއްލި ބަދަލާއި ތޯލިބާނުންގެ ވަގުތީ ސަރުކާރު ބަލައިގެންނަން ގައުމުތަކުން ދެކޮޅު ހަދާނަމަ އަންނަ އަހަރުގެ މެދާހަމައަށް އެ ގައުމުގެ އާބާދީގެ 97 ޕަސެންޓު ރައްޔިތުން ފަގީރުވާނެ އެވެ.
އަފްގާންގެ ހާލަތު މިހާ ގޯސްވެފައިވަނީ ތޯލިބާނުން އެ ގައުމު ހިފުމާއި އެކު ކުރިން ވަޒީފާ އަދާ ކުރިއެތައް ހާސް ރައްޔިތުންގެ ވަޒިފާ ގެއްލުމެވެ. އަދި އުފެއްދުންތެރިކަން ދަށްވެ ގައުމަށް އިމްޕޯޓު ކުރާ ތަކެތި ކޮންޓްރޯލްވުމުން މިހާރު ބާޒާރުގައި ހުރި ތަކެތީގެ އަގުތައް ވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް އުފުލިފަ އެވެ.
މީގެ އިތުރުން ތެލުގެ އަގުވެސް ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ.
މި މައްސަލަތަކަށް ކައިރި މުސްތަގުބަލެއްގައި ހައްލެއް ލިބެން އޮތީ އެމެރިކާއިން ހިފަހައްޓާފައި އޮތް އެ ގައުމުގެ ރިޒާވް ތޯލިބާނުންގެ އަތް މައްޗަށް ދޫކޮށްލައިގެންނެވެ. އަދި އެ ހިސާބަށް ދެވެންދެން ބައިނަލް އަގުވާމީ މުޖުތަމައުން އަފްގާނަށް އިންސާނީ ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށް އެ ގައުމުގެ ރައްޔިތުން ގަބޫލު ކުރެ އެވެ.
މިހާލަތުން އަރައިގަތުމަށް އާންމުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަންގެ ސިވިލް ޕްރޮޓެކްޝަން އެންޑް ހިއުމެނިޓޭރިއަން އެއިޑުން ވަނީ 14.4 މެޓްރިކްޓަނުގެ ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފަ އެވެ. މި ތަކެތި ފޯރުކޮށްދީފައިވަނީ އަފްގާނުގައި ހުންނަ ޑަބްލިއުއެޗްއޯ މެދުވެރިކޮށެވެ.
ދެން އެހީ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނިނާ ހިމެނެ އެވެ. ޗައިނާއިން ވަނީ ރައްޔިތުންނަށް ބޭނުންވާ ކާނާ، ސިއްހީ ސާމާނާއި ބޭސް، އަންނައުނު، އަދި ފިނިމޫސުމަށް ބޭނުންވާ ސާމާނުގެ އިތުރުން ތޯލިބާނުން ބޭނުން ނަމަ ޓެރިޒަމާއި ދެކޮޅަށް އަފްގާނުގައި މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުން ވަނީ އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް މަގު ފަހި ކޮށްދިނުމަށް ތޯލިބާނުންގެ އިސްވެރިންނާއި ބައްދަލު ކޮށްފަ އެވެ. އިނގިރޭސިވިލާތުން ބުނީ އެތަކެތި ފޯރުކޮށްދޭނީ އެ ގައުމުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި ގުޅިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް