ސާފް ޗެމްޕިއަންޝިޕް 2021: ކުރިއަށް ހުރި މެޗުތަކުގައި ވެސް ހިތްވަރު ނެރުމަށް ރައީސް އެދިވަޑައިގެންފި

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި ވެސް ހިތްވަރު ނެރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެނ...

08 Oct 2021 | 06:33

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި ވެސް ހިތްވަރު ނެރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝްގެ މައްޗަށް ދިވެހި ގައުމީ ޓީމު ހޯދި މޮޅާއި ގުޅިގެން ނެވެ.

ރޭ ކުޅުނު މި މެޗުން ރާއްޖެ މޮޅުވުމުން މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައި ރައީސް ވިދާޅުވީ ދިވެހި ޓީމު ހޯދި މޮޅާއި މެދު މުޅި ގައުމު ފަޚުރުވެރިވާ ކަމަށެވެ.

މީގެ އިތުރުން މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި ވެސް ރޭ ކުޅުނު ރޫހާއި ހިތްވަރު ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފަ އެވެ.

މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވިނަމަވެސް، ރޭގެ މެޗުގައި ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް ވެސް އުފައްދާފަ އެވެ. ޚާއްސަކޮށް މި މެޗުގައި ދިވެހި ޓީމަށް ގޯލު ޖަހައިދިން ދެ ކުޅުންތެރިންކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ މޮޅު ކުޅުމެއް ދައްކާ އިދިކޮޅު ޑިފެންޑަރުންނަށް ނުރައްކާ ކޮށްފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް ސާފް ސަރަހައްދުގައި އެންމެކުރީސަފުގައި ގުނާލެވޭ ފޯވަރޑް އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

https://twitter.com/ibusolih/status/1446181559724240896

ރޭގެ މެޗު ކުރިއަށްދިޔައިރު ޓީމަށް ހިތްވަރު ދެއްވުމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއާއި ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި ދައުލަތުގެ އިސް ބައެއް ބޭފުޅުން ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގެންނެވި އެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ވަނީ ދިވެހި ޓީމަށް ހިތްވަރުދީ ސަޕޯޓު ކުރުމަށް ދަނޑަށް ވަދެފަ އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ބޮޑު ސްކްރީން ބަހައްޓައިގެން ވެސް މެޗު ބަލާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް