ޔޫއެފާ ނޭޝަންސް ލީގު ސެމީފައިނަލުގެ ދެވަނަ މެޗުގައި ރޭ ބެލްޖިއަމްއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ފައިނަލަށް ފްރާންސް ދަތުރުކޮށްފިއެވެ.
އިޓަލީގެ އޭލިއަންސް އެރީނާގައި ކުޅެވުނު މި މެޗު ފްރާންސުން ކާމިޔާބު ކުރީ 2-3 ގެ ނަތީޖާއިން ބެލްޖިއަމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ރޭގެ މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ބެލްޖިއަމުންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި ބެލްޖިއަމަށް މެޗުގެ ލީޑުނަގައިދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިބްރެއިނާގެ އެހީތެރިކަމާއި އެކު ކަރަސްކޯއެވެ. މެޗުގެ 40 ވަނަ މިނެޓުގައި ދެވަނަ ލަނޑު ޖަހާ ބެލްޖިއަމުން މެޗުގެ ލީޑު ފުޅާކުރިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިބްރެއިނާގެ އެހީތެރިކަމާއި އެކު ލުކާކޫއެވެ.
ދެ ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު ބެލްޖިއަމުން ނިންމާލި ނަމަވެސް ފަހު ހާފަށް ކުޅެން އަރާ ފްރާންސްއިން ވަނީ މޮޅު ކުޅުމެއް ދައްކާ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އެގޮތުން އެމްބާޕޭގެ އެހީތެރިކަމާއި އެކު ކަރީމް ބެންޒެމާ ފްރާންގެ ފުތަމަ ލަނޑުޖެހިއިރު، ފްރާންސްގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީ އެމްބާޕޭ ވަނީ ފްރާންސްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. ފްރާންސުން މި މެޗުން މޮޅުވި ލަނޑު ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. 90 ވަނަ މިނެޓުގައި މި ލަނޑު ފްރާންސަށް ކާމިޔާބު ކޮށްދިނީ ތެއޯ ހެނާންޑޭޒްއެވެ.
މި މޮޅާއި އެކު ފްރާންސުން ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރިއިރު، ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ސްޕެއިނުންނެވެ. ސްޕެއިނުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ 1-2 އިން އިޓަލީގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މި މުބާރާތުގެ ފައިނަލުގައި ފްރާންސް އަދި ސްޕެއިން ބައްދަލުކުރަން ޖެހުނު އިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭގައެވެ.
މި މެޗުގެ ކުރިން މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅެން ހަމަޖެހިފައިވާއިރު، އެ މެޗުގައި ބައްދަލުކުރާނީ ސެމީފައިނަލުން ބަލިވި އިޓަލީއާއި ބެލްޖިއަމްއެވެ.
މި މެޗު ކުޅޭނީ ވެސް ހަމަ ފައިނަލް ކުޅޭ ދުވަހުގައެވެ. އެއީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް