ދެކުނު ޗައިނާ ކަނޑުން ދަތުރު ކުރި އެމެރިކާގެ ސަބްމެރިންއެއްގައި ގޮތް ނޭނގޭ އެއްޗެއް ޖެހިއްޖެ

ދެކުނު ޗައިނާ ކަނޑުން ދަތުރު ކުރި އެމެރިކާ ސިފައިންގެ ސަބްމެރިންއެއްގައި ގޮތް ނޭނގޭ އެއްޗެއް ޖެހި ގިނަ ސިފައިންތަކެއް ޒަހަމް ވެއްޖެ އެވެ. ހާދިސާ ހިނގި އިރު ސަބްމެރިންގައި ތިބި އެމެރިކާ ކަނޑުގެ ސިފައިނ...

08 Oct 2021 | 04:37

ދެކުނު ޗައިނާ ކަނޑުން ދަތުރު ކުރި އެމެރިކާ ސިފައިންގެ ސަބްމެރިންއެއްގައި ގޮތް ނޭނގޭ އެއްޗެއް ޖެހި ގިނަ ސިފައިންތަކެއް ޒަހަމް ވެއްޖެ އެވެ.

ހާދިސާ ހިނގި އިރު ސަބްމެރިންގައި ތިބި އެމެރިކާ ކަނޑުގެ ސިފައިންގެ ތެރެއިން 15 މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވެ އެވެ. ސަބްމެރިންގައި ޖެހުނީ ކޯޗެއްކަން އަދި ނޭނގޭއިރު ސަބްމެރިން މިހާރު ވަނީ އެމެރިކާގެ ގުއާމްގެ ކަނޑުގެ ސަރަހައްދަށް ވަދެފަ އެވެ.

އެމެރިކާގެ ސަބްމެރިންނަށް ގޮތް ނޭނގޭ އެ ހަމަލާ ދީފައިވަނީ ޗައިނާއިން ކަމަށް ދަނީ ތުހުމަތު ކުރަމުންްނެވެ. އެއީ މި ދުވަސްވަރު ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލައިގަ މަޝްރަހު ވަރަށް ބޮޑަށް ހޫނުވަމުންދާތީ އެވެ.

އަދި ޗައިނާ އާއި ދެކޮޅު ގައުމުތަކަށް އެމެރިކާއިން އެއްބާރުލުން ދިނުމަކީ އެ ސަރަހައްދުން ދަތުރު ކުރި ސަބްމެރިންނަށް ޗައިނާ ކަނޑުގެ ސިފައިން ހަމަލާ ދީފާނެ ސަބަބެއް ކަމަށް ބުނެ އެވެ. މި ހާދިސާގައި ސަބްމެރިންނަށް މާބޮޑު ގެއްލުމެއް ނުލިބެ އެވެ.

ދެކުނު ޗައިނާ ކަނޑުގެ މަޝްރަހު ހޫނުވާން ފަށާފައިވަނީ އެ ކަނޑުގެ ބޮޑުބަޔަކީ އެގައުމުގެ ކަނޑުގެ ސަރަހައްދު ކަމަށް ޗައިނާއިން ވަކާލާތު ކުރާތީ އެވެ. ދެކުނު ޗައިނާ ކަނޑު ހިއްސާވާ މެލޭޝިއާ، ޓައިވާން، ބުރޫނާއީ، ފިލިޕިންސް އަދި ވިއެޓްނާމުން ދަނީ މިކަމާއި ޗައިނާ އާއި ދެކޮޅު ހަދައި އޭގެން ކޮންމެ ގައުމެއްގެ ހިއްސާ އެ ކަނޑުގައި އޮންނާނެ ކަމަށް ބުނަމުންނެވެ.

މި މައްސަލަ ގަނޑުގެ ތެރެއިން ޓައިވާނުގެ ވައިގެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ ޖެޓު އުދުހޭ މައްސަލަގަނޑެއްވެސް ވަނީ އުފެދެން ފަށާފަ އެވެ. ޗައިނާއިން ބުނަމުން ދަނީ އެމީހުން ޖެޓުތައް އުދުއްސަމުން ދަނީ ޗައިނާގެ ވައިގެ ސަރަހައްދުގައި ކަމަށެވެ.

އެއީ ޗައިނާއިން ގަބޫލު ކުރާ ގޮތުގައި ތައިވާނަކީ އެ ގައުމުގެ ޕްރޮވިންސެކެވެ. އެކަމަކު ޓައިވާން ގަބޫލު ކުރާ ގޮތުގައި އެއީ ވަކި ދައުލަތެއް ހިނގާ ވަކި ގައުމެކެވެ.

މި މައްސަލައަށްވެސް އެމެރިކާއިން ދަނީ ވަންނަމުންނެވެ. އަދި ޓައިވާނުގެ ދިފާއިގައި މަސައްކަތް ކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް