ހުކުރު ދުވަހުގެ ބައެއް އަދަބު ތައް

ހަފްތާގެ އެހެނިހެން ދުވަސްތަކާއި ޚިލާފަށް ހުކުރު ދުވަހަށް ޚާއްޞަ ކަންތައްތަކާއި މާތް ކަމެއް ވަނީ ލިބިގެންނެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ...

08 Oct 2021 | 04:10

ހަފްތާގެ އެހެނިހެން ދުވަސްތަކާއި ޚިލާފަށް ހުކުރު ދުވަހަށް ޚާއްޞަ ކަންތައްތަކާއި މާތް ކަމެއް ވަނީ ލިބިގެންނެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (أَضَلَّ اللَّهُ عَنْ الْجُمُعَةِ مَنْ كَانَ قَبْلَنَا ، فَكَانَ لِلْيَهُودِ يَوْمُ السَّبْتِ ، وَكَانَ لِلنَّصَارَى يَوْمُ الأَحَدِ ، فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ ) رواه مسلم މާނައަކީ: “އަހަރުމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރުދުވަހާއި މެދުގައި ޣާފިލުވީއެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވިއެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވިއެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ހިޔާތާއި މާތް ކަން ދެއްވިއެވެ”. މިއީ ހުކުރު ދުވަހުގެ މާތްކަން ބަޔާންކޮށް ރާއްޖެ އިސްލާމް ޑޮޓް ކޮމްގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޢިޔާޟު އަބްދުއްލަތީފް ލިޔުއްވާފައިވާ ލިޔުންކޮޅެއްގެ ނަކަލެކެވެ.

ހުކުރު ދުވަހުގެ ބައެއް އަދަބުތަކަށް ބަލާލާއިރު ހުކުރު ވިލޭ ރެއާއި ހުކުރު ދުވަހުގައި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުން ގިނަ ކުރުމަށް އުއްމަތުގެ މައްޗަށް އެކަލޭގެފާނު އިރުޝާދު ދެއްވާފައިވެއެވެ.

ހުކުރު ދުވަހުގައި ހިނައިގަތުމަކީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. އަދި ހުކުރު ދުވަހުގައި ރީތިވެ ނަލަވުން މުސްތަޙައްބުވެގެންވާކަމަށާއި، އަދި ސިވާކު ކުރުމާއި ފޭރާމުގައްޔާއި ގައިގައި ހުވަނދުލުމަށް ބާރުއަޅުއްވާފައިވެއެވެ.

ކަހްފު ސޫރަތް ކިޔެވުން މުސްތަޙައްބުވެގެންވެއެވެ. އެހެނީ ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށްޓަކައި، އަނެއް ހުކުރާ ޖެހެންދެން ނޫރެއްލެއްވޭނެކަމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ބަޔާންކުރައްވާފައެވެ.

ހުކުރު ނަމާދަށް ވީހާވެސް އަވަހަށް ދިޔުން މޮޅު އިތުރުވެގެންވެއެވެ. އެހެނީ، ހުކުރު ދުވަހުގެ ފުރަތަމަ ބައިގައި ހާޒިރުވާ މީހަކީ، ޖަމަލެއް ޤުރުބާން ކުރި މީހެއްފަދަ މީހެއްކަމާއި، އަދި ދެވަނަ ބައިގައި ހާޒިރުވި މީހަކީ ގެރިއެއް ޤުރުބާން ކުރި މީހެއްފަދަކަމާއި، އެއަށްފަހު ބަކަރިއެއް، އެއަށްފަހު ކުކުޅެއް، އެއަށްފަހު ބިހެއްގެ މިންވަރު ޤުރުބާން ކުރި މީހެއްފަދަ ކަމަށާއި، އެގޮތުން އިމާމު ހާޒިރުވުމުން މަލާއިކަތްބޭކަލުންވެސް ޚުޠުބާ އަޑުއެހުމުގެ ގޮތުން އިށީނދެވަޑައިގަންނަވާނެކަމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ޙަދީޘްފުޅު ކުރައްވާފައެވެ.

ހުކުރު ދުވަހު އިމާމު ހުކުރު ޚުޠުބާ ކިޔާއިރު ކަނުލާއަޑުއެހުމަށާއި ހުކުރު ނަމާދަށް ހާޒިރުވާ މީހާ މިސްކިތުގައި އިށީނުމުގެ ކުރިން މަސްޖިދުސުންނަތުގެ ދެރަކުޢަތް ނަމާދު އަދާކުރަންވާނެ އެވެ. އެހެނީ، މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނު ޚުޠުބާ ވިދާޅުވަނިކޮށް ހާޒިރުވެ މިސްކިތުގައި އިށީން މީހަކަށް، ތެދުވެ ދެރަކުޢަތް ނަމާދު އަދާކުރުމަށް އަމުރުފުޅު ކުރައްވާފައެވެ.

ހުކުރު ނަމާދަށް ހާޒިރުވާ މީހާ، ކުރިން ހާޒިރުވެފައިވާ މީސްތަކުން ދުރަށް ޖައްސައި، ދޭދޭ މީހުން ދުރުކޮށް ޖާގަ ހޯދަން މަސައްކަތް ނުކުރުމަށްވެސް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އަމުރުކުރައްވާފައެވެ.

މައުލޫމާތު ނެގީ: ދި ސަލަފިއްޔާ އަދި ރާއްޖެ އިސްލާމް ވެބްސައިޓުން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް