މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިސްނަގައިގެން ބޮޑުތަކުރުފާނުގެ ޖިހާދައް ފިލްމެއް އުފައްދަން ނިންމައިފިއެވެ. މިކަން ހާމަ ކުރެއްވީ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މުހައްމަދު ތަކުރުފާނު ނިސްބަތްވެވަަޑައިގަންނަވާ އުތީމުގައި ބޭއްވި ޖަލްސާގައެވެ. އެގޮތުން ހޯމް މިނިސްޓްރީގެ ފަަރާތުން މިއަދު އެ ފިލްމު އިފްތިތާހް ކުރެއްވިއެވެ. އަދި ހާމަ ކުރެއްވި ގޮތުގައި ހޯމް މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރުގެ ޤައުމީ ދުވަހަށް ފިލްމު ގެނެސްދިނުމެވެ. މި ފިލްމު ޑައިރެކްޓު ކޮށް ދެއްވާނީ މަޝްހޫރު ޑައިރެކްޓަރު އަޝްހަރު ވަހީދެވެ.
އިތުރަށް މައުލޫމާތު ހިއްސާ ކުރައްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މިއަދު އިފްތިތާހްކުރި ބޮޑުތަކުރުފާނު ފިލްމަކީ އަންނަން އޮތް ޖީލުތަަކަށްޓަކައި ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދާއި، ޤުރުބާނީތައް ޒަމާނުގެ ވިސްނުންތަކާ އެއްގޮތަށް ޒަމާނުގެ ލޯތަކަށް ޅަދަރިންނާއި ހަމައަށް އެ ޖިހާދު ގެނެސްދިނުމަށްޓަކައި ފެށި ޕްރޮޖެކްޓެއްކަމަށެވެ.
ބޮޑުތަކުރުފާނުގެ ވާހަކައަށް އިޝާރަތްކުރައްވާ ވިދާޅުވީ ފަސް ފަހަރު އެވާހަކަ ފެށިގެން ވިދާޅުވިކަމަށެވެ. ކޮންމެ ފަހަރަކުމެ ކިޔަމުން ދާއިރު އެކުރެއްވި ބޮޑު ޖިހާދުގެ ވަރުގަދަ ޤުރުބާނީގެ އާ ވިސްނުންތަކަކާއި އާ އިހްސާސްތަކެއް ކުރެވޭ ކަމަށެވެ.
އެގޮތުން އޭގެ ކޮންމެ ހާދިސާއަކީ އޭގެ މައްޗައް ފުންކޮށް ނަޒަރުހިންގާ ވިސްނަލާއިރު އޭގެއިން ބޮޑެތި ވެގެންވާ ޢިބްރަތްތަކެއް ލިބެނިވި، ދީނާ ޤައުމަށްޓަކައި އަމިއްލައަށް ޤުރުބާންވާންޖެހޭކަމުގެ ފުރިހަމަ އިހްސާސްތައް ރަމްޒުކޮށްދޭ ކިތަންމެ މިސާލެއްކަމުގައި ވިދާޅުވިއެވެ.
އަދި މިއީ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާ، މި މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް