ހުޅުމާލެއިން ވިއްކާ ގޯތިތަކަށް ކުރިމަތިލުމުގެ ޝަރުތައް ބަދަލެއް އައިސްފި

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކަން ހަމަޖެހިފައިވާ 400 ގޯތި ގަންނަން ބޭނުންވާ މީހުންނަށް ދޫކުރަމުންދާ ފޯމުގައި ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ކަމަށް ބަޔާން ކޮށްފައިވާ ބަޔަށް ބަދަލެއް އައިސްފި އެވެ. އިއ...

08 Oct 2018 | 08:23

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކަން ހަމަޖެހިފައިވާ 400 ގޯތި ގަންނަން ބޭނުންވާ މީހުންނަށް ދޫކުރަމުންދާ ފޯމުގައި ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ކަމަށް ބަޔާން ކޮށްފައިވާ ބަޔަށް ބަދަލެއް އައިސްފި އެވެ.

އިއްޔެ ހައުސިން މިނިސްޓްރީން އިއުލާނު ކުރީ 1،000 އަކަފޫޓުގެ ގޯޗެއް ހަތަރު ލައްކައަށް ވިއްކަން ނިންމާފައިވާ ކަމަށެވެ. ފޯމު ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތަކުގެ ތެރޭގައި މީހަކާއި އިނދެގެން ހުރުމާއި، މާލޭ ނުވަތަ ދަފްތަރު ރައްޔިތެއް ކަމުގައި ވުމާއި، 600 އަކަފޫޓު ހަމަވާ ގޯޗެއް ނެތުން ހިމެނެ އެވެ.

އޭގެ ތެރެއިން އިއްޔެ ފުރަތަމަ ދޫކުރި ފޯމުތަކުގައި ޝަރުތެއްގެ ގޮތުގައި މީހަކާ އިނދެގެން އުޅުން ހިމަނާފައިވީނަމަވެސް މިހާރު ދޫކުރާ ފޯމްތަކުގައި އެބަޔަށް ވަނީ ބަދަލު ގެނެސްފައި އެވެ. އެގޮތުން ވަރިވެފައިވާ މީހުންނަށް ނުވަތަ ފިރިމީހާ/އަނބިމީހާ މަރުވެފައިވާ މީހުންނަށް ވެސް ކުރިމަތިލެވެ އެވެ. ބަދަލުކުރި ޝަރުތުގައި ވަނީ، ފޯމު ހުށަހަޅާ ތާރީޚުގައި ވަރިވެފައިވާ ފަރާތެއް ނަމަ ނުވަތަ އަނބިމީހާ/ފިރިމީހާ މަރުވެފައިވާ ނަމަ، ގޯއްޗަށް އެދޭ މީހާގެ ދަރިއެއް/ދަރިން ތިބެން ޖެހޭނެ ކަމަށެވެ.

މި ބަދަލު އައިކަން ހައުސިން މިނިސްޓްރީން އާންމުންނަށް އަންގާފައެއް ނުވެ އެވެ. އެކަމަކު މިއަހަރު ޖޫން މަހު ސަރުކާރުން އިއުލާނުކޮށް ފޯމް ބަލައިގެންފައިވާ ހިޔާ މަޝްހޫރުގެ ފްލެޓަށް އެދޭ ފޯމްގައި ހިމަނާފައިވާ ޝަރުތުތަކަށް ބަދަލެއް އައިސްފިނަމަ އޭރު ވަގުތުން މީޑިއާއަށް އެކަން އަންގައި ގެޒެޓު ކުރި އެވެ.

އިއްޔެ އިއުލާނު ކުރި މި މަޝްރޫއަށް އިއްޔެ ހަވީރު ފޯމު ދޫކުރަން ފެށިއިރު ފޯމް ދޫކުރަން ފެށުމުގެ ކުރިން އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެ ކަމާ ގުޅިގެން ހުށަހެޅުނު ޝަކުވާ އަކާއި ގުޅިގެން ފޯމުބަލައިގަތުން މަޑު ޖައްސާލަން އަންގާފައި އެވެ. އެކަމަށް ގޮން ޖަހައި މިއަދުވެސް ފޯމުދޫކޮށް ކޮންމެސް ވަރަކަށް ފޯމު ބަލައިގެންފައިވެ އެވެ.

އެކަމަކު މިހާރު އެ މިނިސްޓްރީން ވަނީ ފޯމް ބަލައިގަތުމާއި ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައި އެވެ. އެ މިނިސްޓްރީން ބުނީ އެގޮތަށް ހެދީ އޭސީސީއަށް މިނިސްޓްރީން ފޮނުވި ސިޓީއެއްގެ ޖަވާބު ލިބެންދެން ކަމަށެވެ.

މި ގޯތިތައް ލިބޭ މީހުން އަންނަ ހަފްތާގައި ގުރުއަތު ނަގައި އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް