އައްޑޫ ސިޓީ މަރަދޫގައި އިއްޔެ ރޭ ހިންގި މާރާމާރީ އާއި ގުޅިގެން އިތުރު ހަތަރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ މިއަދު ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 17 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ. މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީވެސް ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެފައިވެއެވެ. އަދި އެ ހަތަރު މީހުން ހައްޔަރުކުރީވެސް ފޭދޫން ކަމަށް ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން މިހާރު މިހާތަނަށް 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ ތެރޭގައި، ފިލާ ތިއްބާ އިއްޔެ ހައްޔަރުކުރި ފަސް މީހަކު ހިމެނެއެވެ. އަދި އިތުރު ކުޑަކުއްޖަކުވެސް އިއްޔެ ހައްޔަރުކޮށްފައިވެއެވެ.
ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ އުމުރުން 22 އަހަރުގެ މުހައްމަދު އީވާން އެވެ. އޭނާގެ ކަރަށާއި ބޮލަށް އަދި ބުރަކައްޓަށް ވަނީ ތޫނު އެއްޗަކުން ހަމަލާ ދީފައި އެވެ. އޭނާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި އެވެ.
މި މާރާމާރީގައި އިތުރު އެހެން މީހަކަށް ވެސް އަނިޔާވި އެވެ. އެކަމަކު އެ އަނިޔާތައް އެހާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް