ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ނިންމައިފިއެވެ.
މިގޮތަށް ހުކުމް ކުރީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ވައްޑެ ޕީޕީއެމްއިން ވަކިވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ މަޖިލީހަށް އިންތިޚާބުވި ޕާޓީން، ޖުލައި 13، 2017 ގެ ތާރީޚަށް ފަހު ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިދިޔަ ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ނެވެ.
އެކަމަކު އޭރުވެސް މިހާރުވެސް ވައްޑޭ އާއި އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އޭނާ އޭގެ ކުރިން ޕީޕީއެމްއިން ވަކިވެފައިވާ ކަމަށެވެ.
ލޯޔަރު ވައްޑެގެ ގޮނޑި ނުގެއްލޭކަމަށް މިއަދު ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާއިރު ސުޕްރީމް ކޯޓުގައި އިތުރު ތިން މެމްބަރެއްގެ ގޮނޑީގެ މައްސަލަ ތާވަލުކޮށްފައި ވެއެވެ. އެއީ އެމްޕީ ސައުދު ހުސެއިންގެ މައްސަލައާއި އެމްޕީ އަބްދުއްލަތީފް މުހައްމަދުގެ މައްސަލައާއި އެމްޕީ މުހައްމަދު އަމީތުގެ މައްސަލައެވެ.
މީގެ އިތުރުން އިތުރު އަށް މެންބަރެއްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފުތާގައި ވަނީ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އެ ކޮމިޝަނުން ކުރިން ނިންމި ނިންމުން ބާތިލްކޮށް، އެ ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް އަންގައިފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން ފަހުން ވަނީ އަމުރެއް ނެރެ، ކޮމިޝަންގެ އެ ނިންމުން ބާތިލްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް