ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކުމަށް ފޯމު ދޫކުރުމާއި ބަލައިގަތުން މެދުކަނޑާލައިފި އެވެ.
މި މަޝްރޫއުގެ ދަށުން ގޯއްޗެއް ވިއްކުމަށް ހައުސިން މިނިސްޓްރީން އިއުލާނު ކުރީ ހަތަރު ލައްކަ ރުފިޔާ އަށެވެ. އެކަމާ ގުޅިގެން އިއްޔެ ފޯމު ދޫކުރަން ފެށުމުގެ ކުރިން އެންޓީ ކޮރަޕްޝަން ކޮމީޝަނުން ވަނީ އެއީ ހުޅުމާލެއިން ގޯތި ވިއްކޭނެ އަގަކަށް ނުވާތީ ވަގުތީގޮތިން ގޯތި ވިއްކުން މެދުކަނޑާލަން އަންގާފަ އެވެ.
އެކަމަކު އޭސީސީގެ އެންގުމަށް ބެލުމެއް ނެތި އިއްޔެ ހަވީރު 4:00 ން ފެށިގެން ހައުސިން މިނިސްޓްރީން ވަނީ ގޯއްޗައް އެދޭ ފޯމު ދޫކުރަން ފަށާފައި އެވެ. އަދި މިއަދުވެސް ފޯމް ދޫކުރުމާއި ބަލައިގަތުން ކޮންމެސް ވަރަކަށް ކުރިޔަށް ގެންދިޔަ އެވެ. ގިނަ އަދަދެއްގެ ބަޔަކު މިއަދު ފޯމް ލުމަށާއި ފޯމް ނެގުމަށް ކިޔޫ ހަދާފައިވެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ފޫމު ދޫކުރުން ހުއްޓާލީ ވަގުތީގޮތުން ކަމަށެވެ. އެއީ އޭސީސީއަށް އެ މިނިސްޓްރީން ފޮނުވި ސިޓީއެއްގެ ޖަވާބު ލިބެންދެން ކަމަށް ބުނެ އެވެ.
ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައި ވަނީ ހަތަރު ލައްކަ ރުފިޔާއަށް 1،000 އަކަފޫޓު ގޯއްޗެވެ. އެހެން ފަހަރު ތަކާއި ހިލާފަށް ގޯތި ލިބޭ މީހުން ކަނޑައެޅުމަށް ހަމަޖެހިފައި އޮތީ ޝަރުތު ހަމަވެގެން ފޯމުލާ އެންމެންގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.
މިފަދަ މަޝްރޫއުއެއް ސަރުކާރުން ކުއްލި ގޮތަކަށް އިއުލާނު ކުރީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އެއްވެސް އާ މަޝްރޫއުއެއް ނުފެށުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް