ޤާނޫނު އަސާސީގެ 32 ވަނަ މާއްދާގެ ދަށުން ދަޢުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާކަމަށާއި ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ހުއްދަ ހޯދުމަކާ ނުލައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޙައްޤު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިފައިވާކަން ފުލުހުންނަށާއި ހައުސިން މިނިސްޓްރީއަށް ހަނދުމަކޮށްދޭ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ސުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ދައުލަތުގެ އެކިއެކި މުވައްސަސާތަކުން ހުރަސްއަޅަމުން އަންނާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރި ކުރާ ކަމަށެވެ. ވަކިން ޚާއްޞަކޮށް މިނިސްޓްރީ އޮފް ހައުސިންއިން ހުއްދަތައް ދިނުމުގައި ސިޔާސީ ކުލަވަރުޖެހި، ތަކުރާރުކޮށް އެމް.ޑީ.ޕީއާ މެދު ތަފާތުކުރާކަން ފާހަގަކޮށް އެކަން ކުށްވެރިކުރާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އޮކްޓޯބަރ މަހުގެ އަށް ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ޕާޓީގެ ޢާންމު ޖަލްސާއަށް އާޓިފިޝަލް ބީޗް ބޭނުންކުރުމުގެ ހުއްދައަށް އެދި 28 ސެޕްޓެބަރ ވަނަ ދުވަހު މިނިސްޓްރީ އޮފް ހައުސިން އަށް ފޮނުވި ސިޓީގެ ޖަވާބު މިއަދާ ހަމައަށްވެސް ލިބިފައިނުވާ ކަމަށެވެ. މި ސިޓީއަށް ޖަވާބު ނުލިބުމުން އޮކްޓޯބަރ ހަތަރު ވަނަ ދުވަހުވެސް އަނެއްކާ ވާނީ ކާނިވާ ސަރަޙައްދު ނުވަތަ އާރޓިފިޝަލް ބީޗް ބޭނުންކުރުމުގެ ހުއްދައަށް އެދިފައި ކަމަށެވެ. އަދި ދެވަނަ ސިޓީއަށް ޖަވާބު ނުލިބުމުން ހަ ވަނަ ދުވަހުވެސް ސިޓީއަކުން ވާނީ އެދިފައި ކަމަށާއި މި ސިޓީތަކުގެ ކޮޕީ ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސަސް އަށާއި އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށްފައި ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
"އެމް.ޑީ.ޕީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު ޖަލްސާ އަދި މުޒާހަރާއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފަރާތުން މި ޕާޓީގެ ވެރިންނާ މިއަދު ވަނީ ބައްދަލުކުރައްވައި މި ޙަރަކާތްތައް ހިނގާނެ ގޮތާ މެދު ސުވާލުކުރެއްވާފައި، އެމް.ޑީ.ޕީގެ ޙަރަކާތްތައް އާންމުކޮށް ޢިއުލާންކުރުމަށް ނެރޭ ޕިކަޕް ހިފަހައްޓައި ފުލުހުން ފުރައްސާރަކުރަމުން ގެންދާތީ އެކަމާ އެމް.ޑީ.ޕީގެ ފަރާތުން ސުވާލުކުރުމުން ފުލުހުން ބުނެފައިވަނީ އެއީ އެކަމަށް ބޭނުންވާ ހުއްދަ ނެތީމާ ކަމުގައި، އަދި ވިދާޅުވީ މީގެ ކުރިން ފުލުހުން ޢިއުލާންކޮށްފައިވާ ގޮތާ ޚިލާފަށް ހުއްދަ ދޫކުރާނީ ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން ކަމުގައި، ވިޔަފާރިވެރިންގެ ޖަމްޢިއްޔާއަކީ ދައުލަތުގެ މުވައްސަސާއެއް ނޫން، އަދި ޤާނޫނު އަސާސީން ލިބިދޭ ބާރެއްގެ ބޭނުންކުރުމުގެ ހުއްދައަށް އެފަރާތުގައި އެދެންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ،މިއީ ދައުލަތުގެ އެންމެ މުހިއްމު އެއް މުވައްސަސާ ކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފަރާތުން ދެއްކެވި ވަރަށް ޒިންމާދާރުކަންކުޑަ ދެކޮޅުނުޖެހޭ ވާހަކައެއް" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބައްދަލުވުމުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ހައުސިންއަށް އަންގާފައިވީނަމަވެސް މިނިސްޓްރީގެ ފަރާތުން ބައިވެރިވެފައި ނުވާކަން ފާހަގަ ކުރާ ކަމަށެވެ. އަދި ހައުސިން މިނިސްޓްރީން ދޭންޖެހޭ ހުއްދަތައް ދިނުމުގައި ވަނީ ސިޔާސީ ކުލަވަރު ޖެހިފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް