މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން މިރޭ ބާއްވާ ޖަލްސާ އާއި މާދަމާ ބާއްވަން އިންތިޒާމުކޮށްފައިވާ ހިނގާލުމަކީ ޞުލްޙަވެރިކަމާއެކު ޤާނޫނީ އިމުގެ ތެރެއިން ބާއްވާ ޙަރަކާތްތަކެއްގެ ގޮތުގައި ހައްދަވައި ދެއްވުމަށް އެޕާޓީގެ ކިބައިން ފުލުހުން އެދިއްޖެއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި އެމްޑީޕީން މިރޭ ބާއްވާ ޖަލްސާ އާއި މާދަމާ ބޭއްވުމަށް އިންތިޒާމުކޮށްފައިވާ ހިނގާލުމުގެ ސަލާމަތީ ކަންތައްތަކާ ބެހޭގޮތުން އެޕާޓީ އާއެކު މަޝްވަރާ ކުރުމަށް އިސްކަންދަރު ކޮށީގައި އޮތް ބައްދަލުވުމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ ޞުލްޙަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަން ކަމުގެ ޤާނޫނާ ޢާއްމު އިޖުތިމާޢީ މިންގަނޑުތަކުގެ ޤާނޫނާ ޚިލާފު ނުވާނެހެން މި ޙަރަކާތްތައް ކުރިޔަށް ގެންގޮސް ދެއްވަން އެދޭ ކަމަށެވެ. އަދި ޚާޢްޞަގޮތެއްގައި މި ދެ ޙަރަކާތް ކުރިޔަށް ގެންދާއިރު ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަންދީ، އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ބުރޫ ނާރާނެފަދަ ގޮތަކަށް އިންތިޒާމުތައް ކުރެއްވުމަށް މިބައްދަލުވުމުގައި ފުލުހުން ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކިބައިން އެދިފައިވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
"މިބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީގެ ބޭފުޅުން ވަނީ މިރޭ އެޕާޓީން އާޓިފިޝަލް ބީޗުގައި ބާއްވާ ޖަލްސާވެސް އަދި މާދަމާ އޮންނަ ހިނގާލުންވެސް ޞުލްޙަވެރިކަމާއެކު ގެންގޮސް ދެއްވާނެކަމުގެ ޔަޤީންކަން ފުލުހުންނަށް ދެއްވާފައި، އަދި އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ދަތިނުވާނެހެން ވީހާވެސް ބޮޑަކަށް ކަންކަން އިންތިޒާމުކޮށްދެއްވާނެކަމުގެ ޔަޤީންކަން ފުލުހުންނަށް ދެއްވާފައިވޭ، އަދި މިރޭ ހެދިގޮނޑުދޮށުގައި ބާއްވާނީ ޖަލްސާއެއް ކަމަށާއި 00:00 ގެ ކުރިން ޖަލްސާ ނިންމާލައްވާނެ ކަމަށާއި އަދި މާދަމާ ހަވީރު ބާއްވަން އެޕާޓީން އިންތިޒާމުކޮށްފައިވާ ހިނގާލުވެސް 16:00 ން ފެށިގެން މާދަމާގެ މަޣުރިބްނަމާދު ވަގުތަށް ނިންމާލައްވާނެކަމަށްވެސް މިބައްދަލުވުމުގައި އެމްޑީޕީން ބައިވެރިވި ބޭފުޅުން ވިދާޅުވި" ފުލުހުން ހާމަކުރެ އެވެ.
ފުލުހުން އިތުރަށް ހާމަކުރާ ގޮތުގައި މިއަދުގެ ބައްދަލުވުމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ވިދާޅުވީ މަގުމަތީގައި ހިނގާލުން ބޭއްވިނަމަވެސް އެފަދަ ހިނގާލުމެއްގައި ހަތަރު ފުރޮޅީ އިންޖީނު އުޅަނދު ބޭނުން ނުކުރެވޭނެ ކަމަށާއި ހިނގާލުމުގެ ކުރިމަތިން އަދި ފަހަތުންވެސް ސައިކަލުތަކުގައި ދުއްވާފައިދާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފަށް ޢަމަލުކުރާނަމަ އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް