"ދަޔާ، ދަރުވާޒާ ތޯޑު ދޯ" މިއީ ސޮނީ ޓީވީން 1997 ވަނަ އަހަރުން ފެށިގެން މިހާތަނަށް މެދު ނުކެނޑި ދައްކަމުން އަންނަ ސީއައިޑީ ޑްރާމާގެ އެންމެ މަޝްހޫރު އެއް ޑަޔަލޮގް ކޮޅެވެ. އޭސީޕީ ޕްރަދްޔަމާން ހަމަ އެހެން ބުނާއިރަށް ދަޔާ އެ ބުނާ ދަރުވާޒާއެއް ފަޅާލުމަށްފަހު އެތެރެއަށް ވަންނާނެ އެވެ. އާންމުގޮތެއްގައި ކުށްވެރިޔާ ފިލާ އޮންނަނީ އެ ބުނާ ދަރުވާޒާއެއް ހުންނަ ކޮޓަރި އެއްގައެވެ. ނޫނީ ގެއެއްގަ އެވެ. އެ ދަރުވާޒާއެއްގެ ބިއްދޮށުން ކުށުގެ ވެއްޓާއި ހެކި އެއްކޮށް ފާޅުވެގެން ދެ އެވެ.
ރާއްޖޭގައި އެންމެ ފަހުން "ދަރުވާޒާ" ފަޅާލާފައި ދިވެހި ފުލުހުން ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓަށެވެ. ހޯދި ހޯދުންތައް ދިވެހިން ކޮސް ކޮށްލި އެވެ. ތިން ވަޒަނާ ފިސްތޯލައަކާއި ބަޑިއެއްގެ އިތުރުން ޕެން ޑްރައިވެއް ހޯދި އެވެ. އެ ޕެންޑްރައިވުން "އެސޭޝިނޭޝަން ޕްލޭން" އެއް ފެނުނެވެ. ތިން މީހަކަށް ތިން ވަޒަން އަމާޒުކޮށް ހަލާސް ކޮށްލުމަށްފަހު ވެރިކަމަށް ވަޑައިގަންނަވާނެ ގޮތުގެ "ފޫލް ޕްރޫފް ޕްލޭން" އެ ޕެންޑްރައިވްގައި އޮތް ކަމަށްވެ އެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓަށް ފުލުހުންވަދެ ފާސްކުރި އިރު ރާއްޖޭގައި މާ ބޮޑު ކަންތައްތަކެއް ހިނގައިގެން ނޫޅެއެވެ.
ނަމަވެސް މިއަދު މިއުޅެނީ ބޮޑު ކަމެއް ހިނގައިގެންނެވެ. ރާއްޖޭގެ ވަލިއްޔުލްއަމްރު އަވަހާރަކޮށްލަން ދުރާލާ ބަޔަކު ރާވައިގެން ހަމަލާއެއް ދީގެންނެވެ. އެ ނުރައްކާތެރި ހަމަލާއިން ރައީސް ސަލާމަތްވެވަޑައިގަތް ނަމަވެސް އެ ހާދިސާގައި ލިބުނު އަނިޔާއަށް ރައީސްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް އަދިވެސް އެ ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.
މިފަދަ ބޮޑު ކަމެއް ގައުމުގައި ހިނގައިގެން އުޅޭއިރު ތިން ވަޒަނާ ފިސްތޯލައަކާ ޕެންޑްރައިވަކުން ގައުމުގެ ވެރިކަމަށް އާދެވޭ ވަރުގެ ޕްލޭނެއް ހެދި މީހަކަމާމެދު ޖަލުގައި ހުއްޓަސް އޮބަހައްޓާފައި އޮތަސް ޝައްކު ކުރެވިދާނެ ނޫންހެއްޔެވެ. ؟
ރޭގެ ވަގުތެއްގައި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އާއި ތޮލްހަތު އިބްރާހިމް ކަލޭފާނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ނާޒިމް އާއި އަދާލަތު ޕާޓީގެ ރައީސް ސެއިހް އިމްރާން، ހިންމަފުށީ ޖަލުގައި ތިއްބަވާ އެޕާޓްމެންޓް އެވަނީ ބަލާ ފާސްކޮށްފަ އެވެ. ފާސްކުރީ "ދަރުވާޒާ" ހަލާކު ކޮށްލައިގެންކަން ނޭންގުނު ނަމަވެސް ވަދެ ބަލައި ފާސްކުރުމުން ފޯނެއް ފެނިފައިވާކަން މިވަނީ ހާމަވެފަ އެވެ.
ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ އޮފް ޕްރިސަންސް މުހައްމަދު ހުޝާމް ވިދާޅުވެފައިވަނީ ނާޒިމްމެން ތިބޭ ޔުނިޓް ބަލާ ފާސްކުރި އިރު އެތަނުން އެއްޗެހިތަކެއް ފެނުނު ކަމަށެވެ. ހަވީރު ނޫހުގެ އެ ހަބަރުގައި ބުނެފައިވާގޮތުން އެ ޔުނިޓުން ޖަލު އޮފިޝަރުންނަށް ފެނުނީ ފޯނެއްކަން ހަވީރަށް ވަނީ އެނގިފަ އެވެ.
އެހެން ކަމުން އަނެއްކާވެސް ނާޒިމްގެ ޖަލު މުއްދަތު އިތުރުވުމުގެ ފުރުސަތު ބޮޑުވެދާނެ ކަމުގައި މިވަނީ ބެލެވެން ފަށާފަ އެވެ. ތިން ވަޒަނާ ފިސްތޯލައަކާއި ޕެންޑްރައިވަކުން ވެރިކަމަށް އާދެވޭ ވަރުގެ ޕްލޭނެއް ހެދި މީހަކަށް ފޯނެއް ބޭނުންކޮށްގެން އެއަށްވުރެ ބޮޑު ޕްލޭނެއްވެސް ހެދި ދާނެ ނޫންހެއްޔެވެ؟
އަދި ވަކީން ހާއްސަކޮށް އެ ފޯނަކީ ސްމާޓް ފޯނެއް ކަމުގައިވާނަމަ އެފުރުސަތު އެތައް ގުނައެއް އިތުރުވީ އެވެ. އެއީ ޓެކްނޮލޮޖީގެ މި ޒަމާނުގައި ސްމާޓް ފޯނަކުން ނުކުރެވޭކަށް ހަމަ އެއްކަމެއް ނޯންނާނެކަން އަހަރުމެން ހަމަ އެންމެނަށް އެނގެ އެވެ. ފޯނުން ވައިބާ އާއި ފޭސްބުކް މެދުވެރިކޮށް "ފިނިފެންމާ" ލޯންޗުކޮޅުގެ ފަޅުވެރީންނާއި ރައީސްގެ ސެކިއުރިޓީ ބަލަހައްޓަމުންދިޔަ އެސްޕީޖީ ގްރޫޕްގެ މީހުން ބްލެކްމެއިލް ވެސް ކުރެވިދާނެ އެވެ. ކުރިއެކޭ ނޫނެވެ. ހައްލާވެސް ލެވިދާނެ އެވެ. ހައްލާލިއެކޭ ނޫނެވެ. ގަނެވެސް ލެވިދާނެ އެވެ. "ހިޕްނޮޓައިޒް"ވެސް ކުރެވިދާނެ އެވެ. ކުރިއެކޭނޫނެވެ. ގޫގަލް އިން ޑޮލަރު ބޮނޑި ބޮނޑީގެ ފޮޓޯ ސާޗް ކުރުމަށްފަހު އެމީހުންނަށް އެ ފޮޓޯތައް ފޮނުވިވެސް ދާނެ އެވެ. ފޮނުވިއެކޭ ނޫނެވެ. ހަމަ ގޫގަލް ސާޗްކޮށް ލޯންޗެއްގެ އިންޖީނު ގޮއްވާލާނެގޮތް ނޫނީ ކެޕްޓަން އިންނަ ގޮނޑިދަށުން އެއްޗެއް ގޮއްވާލާނެ ގޮތް ސާޗްކޮށް އެކަން ކުރި ބަޔަކަށް އެކަން ކުރާނެ ގޮތް ކިޔާ ދީފައިވުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ. ސްމާޓް ފޯނެއް ކަމުގައިވާނަމަ އަދި އެ ލޯންޗުކޮޅުގައި ސްމާޓް ޑިވައިސްއެއް ވާނަމަ އެ ސްމާޓް ޑިވައިސް އެއް ޖަލުގައި ހުންނަވައިގެން ނާޒިމް ކޮންޓްރޯލްވެސް ކުރައްވަފާނެ ނޫންހެއްޔެވެ.؟
ކޮންމެއަކަސް ދެން ވާނެގޮތެއް އަދި ނޭންގެ އެވެ. ލޯންޗުކޮޅުގައި ހިނގި ހާދިސާއާއި ރޭ ކުރިއަށްގެންދިޔަ ބަލާ ފާސްކުރުމާއި ގުޅުމެއް ވާކަމެއްވެސް އަދި ނޭންގެ އެވެ. ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވެފައި ވަނީ ހިންމަފުށީގައި ނާޒިމްމެން ބައިތިއްބާފައިވާ ޔުނިޓް ފާސްކުރީ، އެހެން ފަހަރުތަކުގައި ވެސް ޖަލުގެ ގޮޅިތައް ފާސްކުރާ އުސޫލުން ކަމަށެވެ. އެއީ ދޭތެދޭތެރެއިން ކުރަމުން އަންނަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ އުސޫލުން ހިންމަފުށީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް ވެސް މި ފާސްކުރީ،" ހަވީރު ނޫހަށް ދެއްވާފައިވާ އިންޓަވިއުގައި ހުޝާމް ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް