ފަލސްތީނުގައި ހިންގަމުންދާ ގަތުލުއާއްމާއި ގުޅިގެން ދިވެހިރާއްޖޭގައި އެންމެބޮޑަށް އެވާހަކަ ދައްކާ އެއްވެ އަޑުއުފުލަމުން ގެންދިޔަ، ދެ އަންހެނުން މީގެ ދުވަސްކޮޅެއްކުރިން ވަނީ ގިނަ އަދަދެއްގެ ފުލުހުން ނިކުމެ ހައްޔަރަށް ގެންގޮސްފައެވެ.
ޑރ ޝަޒްރާ އަދި ޝާދިޔާ ބަންދުގައި ނުވަ ދުވަސް ބެހެއްޓުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ޑރ ޝަޒްރާ އަދި ޑރ ޝާދިޔާ މިއަދު އަދަދު ނޫހަށް ދެއްވި އިންޓަވިއުގައި ވާހަކަދައްކަވަމުން ވަނީ ހައްޔަރުކުރުމާއި ގުޅިގެން ވަރަށް ގިނަ ވާހަކަތަކެއް ދައްަކާވާފައެވެ.
މީގެކުރިންވެސް ޑރ ޝާދިޔާ ޓީމްއިން ވަނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާއިރު ގިނަ ގޮންޖެހުން ތަކާއި ކުރިމަތިލާން ޖެހޭ ކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިއަދު ވަކި ފަރާތަކަށް ނިސްބަތްނުކޮށް ވިދާޅުވީ، އެބޭފުޅުންގެ ފިރިންނަށް ގުޅާ އެބޭފުޅުން ވަރި ކުރުމަށްވެސް އެދިފައި ވާކަމަށެވެ.
އެ ބޭފުޅުން އިތުރަށް ވިދާޅުވީ، އިއުތިޖާޖަށް ނިކުތީ ފަލަސްތީނުގައި ހިނގަމުންދާ ކަންތައްތައް ބަލަން ތިބެން ކެތް ނުވެގެން އުންމަތައްޓަކައި ކަމަށެވެ. އަދި އެބޭފުޅުން ބޭނުންވަނީ އެބޭފުޅުން ދޭން ބޭނުންވާ މެސެޖު ދޭން ބޭނުންވާ ބަޔަކަށް ރައްދުވާނެ ގޮތަށް އެކަން ކުރަން ކަމަށެވެ.
ސަރުކާރުގެ ގިނަ އިސްވެރިން ވިދާޅުވީ އެމީހުން ހައްޔަރުކޮށްފައި ވަނީ ސަފީރެއްގެ ގެއަށް ކުނި އަޅާ އުދަނގޫކޮށް ހެދުމުން ކަމަށެވެ. އެކަމަށް ރައްދު ދެއްވަމުން އެބޭފުޅުން ވިދާޅުވީ އެބޭފުޅުން އެޅީ ކުންޏެއް ނޫންކަމަށެވެ. އެއީ ލީފްލެޓްތަކެއް ކަމަށްވެސް އެބޭފުޅުން ވިދާޅުުވިއެވެ. އެ ލީފްލެޓްގައި ވަނީ ފަލަސްތީނުގެ ހާލަތާ ގުޅުން ހުރި މެސެޖެއްްކަން އެބޭފުޅުން ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން ކުރި ހައްޔަރުކުރުމަކީ ހަގީގަތުގައި އެއީ ރަހީނު ކުރުމޭވެސް ބުނެވިދާނެ" ޝާދިޔާ ވިދާޅުވިއެވެ.
ޝާދިޔާ ވިދާޅުވީ އެބޭފުޅުން ހައްޔަރުކުރުމަށް އެކި ދިމަ ދިމާލުން ބައިވަރު ފުލުހުން އައި ކަމަށެވެ.
އަދި ހައްޔަރުކޮށްގެން ގެންދިޔައި އިރު ފުލުހުންގެ ދެ ސްކޮޑު ދިޔަކަން ފާހަގަކުރައްވަމުން ޝަޒްރާ ވިދާޅުވީ އެއީ ވަރަށް އެހެން ކަހަލަ މަންޒަރެއް ކަމަށެވެ. އެ މަންޒަރުން ހީވީ ހަތިޔާރުއަޅާފައިވާ މުޖުރިމުންތަކެއް ހައްޔަރުކުރުމަށް އައި ބައެއް ހެންނެވެ.
" ދެ އަންހެނުނާ ކުރިމަތިލާން މި ނިކުތީ އެއާ ނުބައްދަލު ފޯސްއެއް، އެހެންމަ އަޅުގަނޑު ދަންނަވާނީ ހަމަ ރަހީނު ކުރުން ފަދަ ކަމެކޭ މިކުރީ" ޝާދިޔާ ވިދާޅުވިއެވެ.
އެބޭފުޅުން ވިދާޅުވީ އެއްވެސް ގާނުނަކަށް ނުފެތޭ ކަމެއްގައި އެބޭފުޅުން ހައްޔަރުކުރުން އެއީ ނުހައްގުން ކުރި ކަމެއް ކަމަށެވެ.
މިކަމާއި ގުޅިގެން ޑރ ޝާދިޔާ ވިދާޅުވީ، ފުލުހުން ބޮޑު ބަޔާނެއް ނެރުނީ އެބޭފުޅުންނަކީ މުޖުރިމުން ގޮތުގައި ދެއްކުމަށް ކަމަށްށެވެ.
"ޕޮލިހުންގެ އެ ބަޔާނުގައިވެސް އެންމެ ފަހަރަކުވެސް ނެތް ފަލަސްތީނަށް ވަކާލާތު ކުރުމުގެ ވާހަކައެއް، ވާހަކައަކީ މަޤްސަދު އޮޅުވާލާށޭ އެހެން ލިޔެފައި އެ އިނީ. އެންމެ ފަހަރަކުވެސް ނެތް ފަލަސްތީނުގެ ނަންވެސް ގަނެފައެއް. އެއީ ވަރަށް ފާހަގަކޮށްލަން ބޭނުންވާކަމެއް" ޑރ ޝަޒްރާ ވިދާޅުވިއެވެ.
އެބޭފުޅުންގެ ހުރިހާ އަޑުއުފުލުންތަކަކީ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލުމަށް ބާއްވާ ހަރަކާތްތަކެއްކަން ފާހަގަކުރައްވަމުން އެބޭފުޅުން ވިދާޅުވީ އެންމެ ފަހަރަކުވެސް އެ ވާހަކަ ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ.
އަދި އެންމެ ދެ އަންހެނުން ނިކުމެ ފަލސްތީނުގެ ހައްގުގައި ބަސްބުނުމުން ޓެރަރިސްޓުންހެން ހިފާ ހައްޔަރުކޮށްގެން ގެންދިޔުމަކީ ސަރުކާރުގެ ވަރަށް ބޮޑު ވެއްޓުމެއް ކަމަށް ވެސް އެބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ.
އެބޭފުޅުންނާއި މެދު މިގޮތަށް އަމަލުކުރި ނަމަވެސް އަދިވެސް ހަމަ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާނެ ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް