ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ސެޕްޓެންބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫ / ކެނެރީގެ، ޢަލީ މުމްތާޒް (37އ) އަދި ބަނގުލަދޭޝް މީހެއް ކަމުގައިވާ އިރުޝާދު މިއާ (29އ) އެވެ.
ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ މީހުން ދަތުރުކުރި ދޯނި ކަނޑުމަތިން ހުއްޓުވައި ކޫއްޑޫ ބަނދަރަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 126 ގްރާމު ކަމުގައި ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަނދުކުރުމަށް ވަނީ އަމުރުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް