މައުސޫމު ކުއްޖެއްގެ ކަރުގައި ވަޅި ޖެއްސީމާ ޖަހަން ޖެހޭނީ ފިސްތޯލަ: އުމަރު ނަސީރު

މައުސޫމު ކުއްޖެއްގެ ކަރުގައި ވަޅި ޖެއްސީމާ ފުލުހުން ޖަހަންޖެހޭނީ ފިސްތޯލަ ކަމަށާއި އެއީ ދުނިޔޭގައިވެސް ކަންކުރާ ގޮތް ކަމުގައި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ގިނިކަންޏާ ...

08 Sep 2024 | 03:13

މައުސޫމު ކުއްޖެއްގެ ކަރުގައި ވަޅި ޖެއްސީމާ ފުލުހުން ޖަހަންޖެހޭނީ ފިސްތޯލަ ކަމަށާއި އެއީ ދުނިޔޭގައިވެސް ކަންކުރާ ގޮތް ކަމުގައި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ގިނިކަންޏާ ނިކުމެވަޑައިގެން ހައިރާންކުރުވަނިވި ނަތީޖާއެއް ހޯއްދެވި ޕޮލިޓީޝަން އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިހެން ވިދާޅުވީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ރޭ ދަންވަރު ކުރެއްވި ޕޯސްޓެއްގައެވެ.

ހަފްތާ ނޫހުގައި "މަރުވިތާ 4 ދުވަސް ފަހުން އަތުހަރުގެ ހަށިގަނޑު އިންޑިއާއަށް، ޕޯސްޓް-މޯޓަމް މާދަމާ" މި ސުރުހީގެ ދަށުން ލިޔެފައިވާ ޚަބަރެއް ޝެއަރކުރައްވަމުން އުމަރު ވިދާޅުވެފައިވަނީ ކުށުގެ އެތައް ރެކޯޑެއް އޮންނަ ބޮޑު ކުށްވެރިއަކު، މައުސޫމް އަންހެން ކުއްޖެއްގެ ކަރުގައި ވަޅި ޖެއްސީމާ ފުލުހުން ޖެހޭނީ ފިސްތޯލަ ޖަހަން ކަމަށާއި ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އެކަން ކުރަނީ އެގޮތަށް ކަމަށެވެ. އަދި ހަމަ އެހެންމެ އެފަދަ ސާބިތުކަމެއް ޤާނޫނު ތަންފީޒުކުރާ ފަރާތްތުން ދައްކަންދެން އެފަދަ ކަންކަން މުޖްތަމައުގައި ބޮޑުވަމުން ގިނަވަމުންދާނެކަމުގައިވެސް އުމަރު ވިދާޅުވެފައިވެއެވެ.

ށ. ހެޕީލޭންޑް އާދަމް އަތުހަރު ފުލުހުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 29 އޯގަސްޓް ވީ ބުރާސްފަތި ދުވަހުގެ ރޭ އޭނާގެ ލޯބިވެރިޔާ ރަހީނުކޮށް ލޯބިވެރިޔާގެ ކަރުގައި ވަޅިޖައްސައި މަރާލާނެކަމަށްބުނެ އިންޒާރު ދެމުންދަނިކޮށް ފުލުހުން އަތުހަރަށް ބެޓަނުން ހަމަލާއެއް ދިނުމަށްފަހުގައެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު އަތުހަރު މަރުވީ އާދީއްތަ ދުވަހުގެ ރޭ އަމިއްލައަށް މަރުވާން ކުރި މަސައްކަތަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ޕޯސްޓް މޯޓަމް ހެދުމަށް އަތުހަރުގެ ހަށިގަނޑު އިންޑިޔާއަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް