އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއް އަވަހާރަ ވެއްޖެ އެވެ.
އަވަހާރަވީއިރު ރާނީ އެލިޒަބަތު ސިއްހީ ހާލުކޮޅު ގޯސްވެގެން ފަރުވާ ހޯއްދަވަމުން ގެންދެވީ ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގަނޑުވަރު ބެލްމޯރަލް ކާސަލްގަ އެވެ. އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 96 އަހަރެވެ.
ރާނީ އަވަހާރަވިކަން ރިޔާސީ ގަނޑުވަރު ބަކިންހަމް ޕެލަސްއިން ރަސްމީކޮށް ވަނީ ހާމަކޮށްފަ އެވެ. ޕެލަސްއިން ނެރުނު އިއުލާނުގައި ބުނެފައިވަނީ މރާނީ އަވަހާރަވީ އަމާން އޮމާން ކަމާއި އެކު ކަމަށެވެ.
އަދި އެކަމަނާގެ ގަބުރު ވެރިރަށް ލަންޑަނަށް ގެންދާނީ މާދަމާގެ ވަގުތެއްގައި ކަމަށެވެ.
ރާނީ އަވަހާރަވުމާއި އެކު އެގައުމުގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފަ އެވެ. ރާނީ އަވަހާރަވި ހަބަރާއިއެކު ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސް ހުންނަ ސަރަހައްދަށް އެތައް ހާސް ބަޔަކު ވަނީ ޖަމާވާން ފަށާފަ އެވެ.
އެކަމަނާ އަވަހާރަވުމާ އެކު، އިނގިރޭސި ރަސްކަމުގެ ތަޚުތާ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސް ހަވާލުވެ ވަޑައިގަންނަވާނެ އެވެ. މި ހުރިހާ ތަޚުތެއް ވެސް ދެން ލިބިވަޑައިގަންނަވާނީ ޕްރިންސް ޗާލްސްއަށެވެ.
ރާނީ އެލިޒަބަތަކީ އިނގިރޭސިވިލާތުގެ އިތުރުން އިތުރު 14 ގައުމެއްގެ ރާނީ އެވެ. އަދި ކޮމަންވެލްތުގެ އެންމެ އިސްވެރިޔަކީ ވެސް އެކަމަނާ އެވެ.
އެކަމަނާ މިއަދު އަވަހާރަވިއިރު ރާނީ އެލިޒަބަތުގެ ރަނިކަމަށް މިއަހަރު ވަނީ 70 އަހަރުވެފައިވެ އެވެ. އެލިޒަބަތު ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު އަދި ކިންގް ޖޯޖް 1952 ވަނަ އަހަރު އަވަހާރަވުމުންނެވެ.
އެކަމަނާ އަކީ ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް އޮތް ބޭފުޅާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް