ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިން ތިބީ ރައްކާތެރި ސަރަހައްދުތަކުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ އެ ގައުމުގައި ތިބި ދިވެހިންގެ ތެރެއިން ސައްހަ ވިސާގައި ގޮސް މިނިސްޓްރީގައި ރެޖިސްޓްރީވެގެން ތިބި ހުރިހާ ދިވެހިންގެ ހާލު އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ގާތުން ބަލަމުންދާ ކަމަށެވެ. އެ އެންމެންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތުދެ އެވެ.
އަދި ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގެ ހާލަތު ހައި ކޮމިޝަނުން ގާތުން ބަލާ ކަމަށްވެސް މައުލޫމާތުދެ އެވެ. ހައި ކޮމިޝަންގައި ރެޖިސްޓްރީ ވެފައި ތިބީ67 ދިވެހިންނެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގަ މިހާތަނަށް1،300 އަށްވުރެ ގިނަ މީހުން މަރުވެ، 33 މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައިވެ އެވެ.
ހަތަރު ލައްކައަށްވުރެ ގިނަ ގެ ބިމާއި ހަމަވެފައިވާއިރު ހާލުގައި ޖެހިފައިވާ މީހުންނަށް އިތުރު މިލިއަނަކަށްވުރެ ގިނަ ވަގުތީ ޓޭންޓު ޖެހުމުގެ މަސައްކަތް ޕާކިސްތާނު ސަރުކާރުން ވަނީ ފަށާފައި އެވެ.
މިއީ މިދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ޕާކިސްތާނަށް ކުރި އެންމެ ގެއްލުން ބޮޑު ވިއްސާރަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް