ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 260 ކިލޯއަށްވުރެ ގިނަ ޑްރަގް ނައްތާލައިފި އެވެ.
މިތަކެތި ނައްތާލީ މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
ފުލުހުން ބުނީ މި ޑްރަގްތަކަކީ މިދިޔަ އަހަރު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތި ކަމަށެވެ. އޭގެ ތެރޭގައި ޖުމްލަ 264.93 ކިލޯގެ ޑްރަގް ހިމެނެ އެވެ.
މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 10888 ރަބަރު ޕެކެޓާއި، 4285 ސެލޯފިންކޮޅާއި، 246 ފިލްމު ހުސްކުރިދަޅާއި، 130 ބުލެޓާއި، 40 ބިޑީ އާއި 6359 ބޭސްގުޅައެވެ. އަދި މަސްތުވާތަކެތި ބަންދުކުރުމަށާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ތަކެތި 4559 އެހެނިހެން އައިޓަމްގެ ގޮތުގައި ނައްތާލާފައިވެއެވެ
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އެގޮތުން އެތަނުގައި ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވައިލި ކޮމިޓީ އާއި މީޑީއާ އަދި އޮބްޒާވަރުން ބައިވެރިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް